ބޮލީވުޑް އެކްޓަރު އިމްރާން ހާޝްމީގެ ފިލްމު "އާވާރާޕަން 2"ގެ ބަތަލާގެ ރޯލްއިން ފިލްމީ ތަރި ތާރާ ސުތާރިއާގެ ބަދަލުގައި ފެންނާނީ ދިޝާ ޕަޓާނީ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަނެއްކާވެސް އިމްރާން ގޭންގްސްޓާ ދުނިޔެއެއްގައި އުޅޭ މަންޒަރު ފެންނާނެ މި ފިލްމަކީ ވެސް ފުރަތަމަ ފިލްމެކޭ އެއްގޮތަށް ވަރަށް ހިތްގައިމު މިއުޒިކާ އެކު އުފައްދާ ފިލްމެއް ކަމަށް ފިލްމުފެއާގައި ވަނީ ބުނެފައެވެ.

މި މަހުތެރޭ މަސައްކަތް ފަށަން ތާވަލުކޮށްފައިވާ "އާވާރާޕަން 2"އަށް ތާރާގެ ބަދަލުގައި ދިޝާ ގެންނަން ނިންމީ ފިލްމުގައި ގެނެސްދޭ އަސަރުގަދަ ލޯބީގެ ވާހަކައިގެ އަންހެން ކެރެކްޓާއަށް އެންމެ ކަމުދަނީ ދިޝާ ކަމަށްވާތީއެވެ.

ފިލްމު "އާވާރާޕަން"ގެ ޕޯސްޓަރެއް--ފޮޓޯ/ޕިންކްވިލާ

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން ދިޝާ ފިލްމަށް ގެންނަން އެންމެ ބޮޑަށް ލަފާ ދީފައި ވަނީ ފިލްމުގެ ޕްރޮޑިއުސަރު މުކޭޝް ބަޓް އަދި ޑައިރެކްޓަރު ނިތިން ކައްކަރުއެވެ.

ފިލްމު "އާވާރާޕަން 2"ގައި އިމްރާން ފެންނާނީ ޝިވަމް ޕަންޑީތުގެ ރޯލްއިން ކަމަށާއި ނަމަވެސް ފިލްމުގައި ދިޝާ ކުޅޭ ކެރެކްޓާއާ ބެހޭ މައުލޫމާތު ވަނީ ސިއްރުކޮށްފައި ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

މި ފިލްމުގެ ސްކްރިޕްޓް އަޑު އެހުމަށްފަހު ފިލްމުގައި ދިޝާ ކުޅޭ ކެރެކްޓާ ބަތަލާއަށް ވަރަށް ކަމުދިޔަ ކަމަށާއި އެހެންވެ ފިލްމަށް އެއްބަސްވުމަށް މާގިނަ ވަގުތެއް ނުނަގާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަންނަ އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ސިނަމާތަކަށް ގެންނަން ނިންމާފައިވާ "އާވާރާޕަން 2" އަކީ މޯހިތު ސޫރީ ޑައިރެކްޓްކޮށް 2007 ވަނަ އަހަރު ގެނެސްދިން ފިލްމެކެވެ. ފުރަތަމަ ފިލްމުގައި ބަތަލާގެ ރޯލްއިން ފެނުނީ ސައުތު ސިނަމާގެ މަޝްހޫރު ފިލްމީ ތަރި ޝްރިޔާ ސަރަންއެވެ.