12 Aug 2012, 09:53
ތެހެރާން (އޮގަސްޓް 12): އީރާނުގެ ދެ ސަރަޙައްދަކަށް އިއްޔެ އައި ބާރުގަދަ ބިންހެލުންތަކުގައި މަރުވި މީހުންގެ ޢަދަދު 200 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
އީރާނުގެ މަސްއޫލުވެރިންނާ ޙަވާލާދީ އެޤައުމުގެ ފާރިސް ނޫސް އެޖެންސީ ބުނި ގޮތުގައި 200 މީހުން މަރުވުމުގެ އިތުރުން ހާހަކަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. ޒަޚަމްވި މީހުންގެ ތެރެއިން ބައެއްމީހުންގެ ޙާލަތު ސީރިޔަސް ކަމުން މަރުވާމީހުންގެ ޢަދަދު ވަރަށްބޮޑަށް އިތުރުވެގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އީރާނުގެ ހުޅަނގު އުތުރުގެ އަޒަރުބައިޖާން ސަރަޙައްދުގެ ހުޅަނގަށާއި އިރުމައްޗަށް އައި ދެބިންހެލުމުގެ އެއްހެލުމުގެ ބާރުމިނަކީ ރެކްޓަރ މިންގަނޑުން 6.4 ކަމަށާއި އަނެއް ބިންހެލުމުގެ ބާރުމިނަކީ 6.3 ކަމަށް ބިންހެލުމުގެ ދިރާސާތައްކުރާ އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭ މަރުކަޒުން ބުނެ އެވެ. މީގެތެރެއިން ފުރަތަމަ ބިންހެލުން އައީ ހުޅަނގު އަޒަރުބައިޖާނަށެވެ. ދެވަނަ ބިންހެލުންއައީ އިރުމަތީ އަޒަރުބައިޖާނަށެވެ. ދެބިންހެލުމުގެ ދޭތެރޭގައި 11 މިނިއްޓުވިކަމަށް މިމަރުކަޒުން ބުނެ އެވެ.
އީރާނުގެ ދާޚިލީ ވަޒީރު ޙަސަން ޤަދްމީ ވިދާޅުވީ މިދެސަރަޙައްދުގެ 60 ވިލެޖެއްގެ ގެތަކާއި ޢިމަރާތްތައް އެއްކޮށް ކަހަލަ ގޮތަކަށް ބިމާހަމަވެފައިވާ ކަމުގަ އެވެ. ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވާކަމުގެ ބިރު ވެސް ހީވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިދެބިންހެލުމުގެ މަރުކަޒުވެސް ވަނީ ތަބްރޭޒްއާ 60 ކިލޯމީޓަރުގެ ދުރުގައިވާ އަހަރޯއާއި ހަރީސްގެ ބިމުއަޑިން 60 ކިލޯމީތަރު ފުނުގައި ކަމަށް ޚަބަރުލިބެ އެވެ.
އީރާނުގެ ސަރުކާރުން ވަނީ އިތުރު ބިންހެލުންތައް އަތުވެދާނެކަމުގެ ބިރުއޮތުމުން ގެތަކާއި ޢިމާރާތްތަކުން ބޭރުގައި ތިބުމަށް އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް އަންގާފަ އެވެ. ބިންހެލުމުގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީފޯރުކޮށްދިނުމާއި ޢިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމަށް ޓަކައި 55 ޓީމު އެ ސަރަޙައްދުތަކަށް މިހާރު ފޮނުވިފައިވާ ކަމަށް އީރާނުން ބުނެ އެވެ.
އީރާނަކީ ވަރަށް ގިނައިން ބިންހެލުން އަންނަ ޤައުމެކެވެ. މިފަހަކަށް އައިސް އީރާނަށް އެންމެ ބާރުގަދަ ބިންހެލުމެއް އައިސްފައި ވަނީ 2003 ގައި އެޤައުމުގެ ތާރީޚީ ރަށެއްކަމަށްވާ ބަމް އަށެވެ. މިބިންހެލުމުގައި 25 ހާސް މީހުން މަރުވެފައިވެ އެވެ. (ނޫސްއެޖެންސީތައް)