އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބިމަށް ހަދައިދީފައިވާ ބިމުގެ ރަޖިސްޓްރީ ގެއްލިގެންއިއުލާންކޮށްފިއެވެ.

ރަސްދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއް ބުނީ އެ ރަށުން, "މޯލްޑިވްސް ޕޮލިސް ސާވިސް" ގެ ނަމުގައި ހަދައި ދޫކޮށްފައިވާ, ބިމުގެ ރަޖިސްޓްރީ ގެއްލިގެން ހުށަހަޅާފައިވާ ކަމަށެވެ.

އެ ރަޖިސްޓްރީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހެއްވާނަމަ، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ކައުންސިލަށް އަންގައި ދިނުމަށް ވަނީ ރަސްދޫ ކައުންސިލުން އެދިފައެވެ.

އަމިއްލަ މީހުންގެ ގޭގޭގެ ރަޖިސްޓްރީ މިހެން ގެއްލިގެން އިއުލާން ކުރުމަކީ ދޭތެރެއަކުން ކުރާ ކަމެކެވެ. ނަމަވެސް ދައުލަތުގެ އިދާރާތަކަށް ދޫކޮށްފައިވާ ރަޖިސްޓްރީ ގެއްލިގެން އިއުލާން ކުރުމަކީ އާއްމު ކަމެއް ނޫނެވެ.

ރަޖިސްޓްރީ ގެއްލިގެން އިއުލާން ކުރަނީ އާ ރަޖިސްޓްރީއެއް ހައްދައި ދިނުމުގެ ކުރިން އެ ޕްރޮސެސް ފުރިހަމަ ކުރަން ޖެހޭތީއެވެ.