ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު އުފައްދަވާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނަށް ރައީސް ނަޝީދު ދެއްވާފައިވާ ބަޔާން އަލުން ލިޔުމަކުން އެކޮމިޝަނަށް ހުށަހަޅުއްވައިފި އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލް ހަސަން ލަތީފު މިރޭ ވިދާޅުވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ރައީސް ނަޝީދު އެކޮމިޝަނަށް ލިޔުމަކުން ދެއްވާފައިވާ އެ ބަޔާނަކީ އެމަނިކުފާނު އެކޮމިޝަނަށް ވަޑައިގެން ދެއްވި ބަޔާން ބޭނުންފުޅު ނަމަ ލިޔުމަކުން ހުށަހެޅުއްވުމަށް އެކޮމިޝަނުން އެދުމުން ހުށަހެޅުއްވި ބަޔާނެއް ކަމަށެވެ. އެ ބަޔާނުގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައި ވާނީ ރައީސް ނަޝީދު އެ ކޮމިޝަނަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުތައް ކަމަށް ލަތީފު ވިދާޅުވި އެވެ.

"ކޮމިޝަނަށް ރައީސް ދެއްވި ބަޔާނަކީ ގާތްގަނޑަކަށް ފަސް ގަޑިއިރަށް ވުރެ ވެސް ދިގު އިންޓަވިއެއް. އެހެންވެ އެބޭފުޅުންނަށް ވެސް ދަތި ކަމަކަށްވީ އެ ހުރިހާ ވާހަކަފުޅެއް ލިޔަން، އެހެންވެ ރައީސް ނަޝީދު އަރިހުގައި އެބޭފުޅުން އެދިވަޑައިގަތީ ބޭނުންފުޅިއްޔާ އެހުރިހާ ވާހަކައެއް އިން ރައިޓިން (ލިޔުމަކުން) ހުށަހަޅުއްވިދާނެހޭ، އެހެންވެ އެކޮމިޝަނުން ކުރެއްވި ސުވާލުތަކުގެ އިތުރުން އެކޮމިޝަނަށް ރައީސް ނަޝީދު ދެއްވި ބަޔާން އަލުން ލިޔުމަކުން މިހުށަހެޅުއްވީ،" ހަސަން ލަތީފު ވިދާޅުވި އެވެ.

ކުރީގެ ޔޫތު މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ ހަސަން ލަތީފު ވިދާޅުވި ގޮތުގައި އެ ބަޔާނުގައި ފެބްރުއަރީ ހަތް ވަނަ ދުވަހު ރައީސް ނަޝީދު އެމްއެންޑީއެފަށް ވަޑަގެންނެވި ހިސާބުން ފެށިގެން އެމަނިކުފާނަށް ކަންތައްތައް ދިމާވި ގޮތާއި ކޮންކޮން ބޭފުޅުންނެއްގެ ސަބަބުންކަން އެމަނިކުފާނަށް މަޖުބޫރުވެވަޑައިގަތީ، އިސްތިއުފާ ދެއްވަން، އެ ހުރިހާ ކަންތައްތަކެއް ވަރަށް ތަފްސީލްކޮށް އެބަޔާނުގައި ބަޔާންކޮށްދެއްވާފައިވާ ކަމަށެވެ.

އިންކުއަރީ ކޮމިޝަނަށް ހާޒިރުވެ ރައީސް ނަޝީދު ވަނީ ބަޔާނެއް ދެއްވައިފަ އެވެ. އަދި އެކޮމިޝަނުން މިހާރު ކުރިއަށް ގެންދާ ތަހުގީގަކީ އިންސާފުވެރި ތަހުގީގެއް ކަމަށް ދެކެވަޑައިގެންނަވާ ކަމަށާއި ކޯނީގެ ނިންމުން ގަބޫލް ކުރައްވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.