11 Aug 2012, 22:18
ޝިމްލާ (އޮގަސްޓް 11) : އިންޑިޔާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ހިމާޗަލް ޕްރަދޭޝްގައި ދަތުރުކުރި ފަސިންޖަރު ބަހެއް ފުރޮޅާލައިގެން ވާދީއަކަށް ވެއްޓި 39 މީހަކު މަރުވެއްޖެ އެވެ.
ހިމާޗަލް ޕްރަދޭޝްގެ ފުލުހުން ހާމަކުރާގޮތުގައި މިބަސް ދަތުރުކުރަމުން ދިޔައީ ޗަންޕާ ސަރަޙައްދުން ބަހާރުމޫރު ސަރަޙައްދަށެވެ. ބަސްވެއްޓުނީ ޗަންޕާ ސަރަޙައްދުގެ ފަރުބަދަތަކުގެ ތެރޭގައިވާ މަގަކުން ދަތުރުކުރަނިކޮށް ބަސްފުރޮޅާލައިގެން އެފަރުބަދަތަކުގެ ފުން ވާދީއަކަށް ކަމަށާ މިހެންދިމާވީ ހަނިތަނަކުން ބަސް އަނބުރާލިވަގުތު ޑްރައިވަރަށް ބަސްކޮންޓްރޯލް ނުކުރެވިގެންކަމަށް ހިމާޗަލް ޕްރަދޭޝްގެ ފުލުހުންގެ އޮފްސަރެއް ކަމަށްވާ ރާޖް ކުމާރް ވިދާޅުވި އެވެ. މިޙާދިސާގައި މިބަހުން ދަތުރުކުރި އެންމެން މަރުވިކަން ކަށަވަރުވެފައެއްނުވެ އެވެ. ފުލުހުން ގެންދަނީ ވާދީއަށް ފާބައި މީހުން ސަލާމަތްކުުރުމުގެ މަސައްކަތްކުރަމުންނެވެ.
އިންޑިޔާގެ މަގުތަކުގެ ފެންވަރު ދަށްވެފައި މަގުތަކުގެ ސަލާމަތީ ކަންކަން ބޮއްސުންލާފައިވުމުގެ ސަަބަބުން އިންޑިޔާ ހިމެނެނީ ދުނިޔޭގައި މަގުމަތީގެ އެކްސިޑެންޓްތައް އެންމެ ގިނަ އެއްޤައުމު ކަމުގަ އެވެ. މަގުމަތީގެ އެކްސިޑެންޓްތަކުގައި އަހަރަކު އެވްރެޖްކޮށް އެެއްލައްކަ ދިހަ ހާސް މީހުން އިންޑިޔާގައި މަރުވާކަމަށް އިންޑިޔާގެ ތަފާސް ހިސާބުތަކުން ހާމަވެ އެވެ. (އެސޯސިއޭޓެޑް ޕްރެސް)