ހިއުމަން ރައިޓްސް ކޮމިޝަނަށް އަހުމަދު އަބްދުލްކަރީމާއި ޑރ.އަލީ ޝަމީމުގެ ނަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރައްވައިފި އެވެ.


ހިއުމަންރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ، މީގެކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރެއިން، ތިން ނަންފުޅެއް މަޖިލީހުން ފާސްކުރައްވާފައި ވާތީ، ކޮމިޝަނަށް ބޭނުންވާ އިތުރު ދެ މެންބަރުން ހަމަޖެއްސެވުމަށްޓަކައި، ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ހަ ނަންފުޅުގެ ތެރެއިން އެއް ނަންފުޅު އަނބުރާ ގެންގޮސްފައިވާތީ، ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފަސް ނަމެއް މިއަދު ހުށަހެޅި އެވެ.


އެ ފަސް ނަންފުޅުގެ ތެރެއިން ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެއްސެވުމަށް، މާލޭ މުނިސިޕަލްޓީގެ ދަފުތަރު އަހުމަދު އަބްދުލްކަރީމްގެ ނަން ފާސްކުރައްވާފައި ވަނީ ޖަލްސާއަށް ހާޒިރުގެ ވަޑައިގެން ތިއްބެވި، 66 މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި ހ.މެރިންވިއު ޑރ.އަލީ ޝަމީމުގެ ނަން ފާސްކުރައްވާފައި ވަނީ ޖަލްސާގައި ތިއްބެވި، 66 ތެރެއިން ފެންނަކަމަށް 64 ވޯޓު ދެއްވައިގެނެވެ.


ހިއުމަން ރައިޓްސް ކޮމިޝަނަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ފަސްންފުޅުގެ ތެރޭގައި އަހުމަދު އަބްދުލްކަރީމާއި، ޑރ. އަލީ ޝަމީމުގެ އިތުރުން ހިމެނި ވަޑައިގަންނަވަނީ، މާލޭ މުނިސިޕަލްޓީގެ ދަފުތަރު، ހ. ސީސައިޑް ޑރ. އާއިޝަތު އަލީ ނާޒާއި، ފުވައްމުލަކު، ހޯދަޑު، މައުނާ، އިބްރާހީމް ހުޒާމުގެ އިތުރުން، މ. ލައިޓްވިއު މަޒީނާ ޖަމީލާއި، މާލޭ މުނިސިޕަލްޓީގެ ދަފުތަރު، އަލީ އަޝްރަފު. ނަމަވެސް އަޝްރަފްގެ ނަން ވަނީ އަނބުރާ ގެންދަވައިފައި އެވެ.


މިހާރު ހިއުމަން ރައިޓްސް ކޮމީޝަންގެ މެންބަރުންގެ ގޮތުގައި ތިއްބެވީ، މާފަންނު ހުކުރަދިގޭ މަރިޔަމް ޢަޒްރާ އަޙްމަދާއި، ޅ.ހިންނަވަރު، ދޭލިޔާގޭ ޖީހާން މަޙްމޫދާއި، ހެންވޭރު އައްޑޫގޭ އަޙްމަދު ޠޮލާލެވެ.