ޓީވީއެމްގެ އެ ހަނދާނުގެ ޝޯ ރޭ ގެނެސްދިނުމަށް އިޝްތިހާރު ވެސް ކުރުމަށް ފަހު އެޝޯ ކެންސަލްކޮށްފި އެވެ.

ޓީވީއެމްގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) މިރޭ ވިދާޅުވީ އެ ހަނދާނުގެ ޝޯ ރޭ 12:30 ގައި ގެނެސްދޭނެ ކަމަށް ޓީވީން އިޝްތިހާރު ކުރީ ޝޯގެ ހުރިހާ މަސައްކަތެއް އޭގެ ކުރީ ރޭ ނިމޭނެ ކަމަށް ބަލައިގެން ކަމަށެވެ. ނަމަވެސް ދިމާވި އެކިއެކި މައްސަލަތަކާ ގުޅިގެން އެރޭ ޝޯ ރެކޯޑް ކުރުމުގެ މަސައްކަތް ނުކުރެވިގެން ރޭ ޝޯ ގެނެސްދިނުމަށް ޓަކައި އެންމެ ފަހު ވަގުތާ ހަމައަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. ޝޯ ރޭ ކެންސަލް ވި ނަމަވެސް ޝޯ ގެނެސް ނުދޭ ގޮތަށް އަދި ހަމަޖެހިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ބައެއްގެ މަސަައްކަތާ އެކު މިފަހަރު ޝޯ ގެނެސް ދިނުމުގެ މަސައްކަތް މިކުރަނީ. އާއްމުންނާ ހަމައަށް ރޭ ޝޯ ގެނެސްދިނުމަށް ޓަކައި ވަރަށް މަސައްކަތް ވަނީ ކުރެވިފައި. ނަމަވެސް ދިމާވި އެކިއެކި ސަބަބުތަކާ ހެދި ޝޯ ގެނެސްދެވޭ ގޮތް ނުވީ. އަޅުގަނޑުމެން ޝޯ އީދު ދުވަހު ނުވަތަ އީދު ތެރޭގައި ގެނެސްދިނުމަށް މިހާރު މަސައްކަތް މިކުރަނީ،" އާސިފް ވިދާޅުވި އެވެ.

ޓީވީއެމްގެ އެހަނދާނުގެ ޝޯ، އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ނުގެނެސްދެވި ލަސްވެފައި ވަނީ އެޝޯ އަށް ބޭނުންވާ މިއުޒިކާއި ލަވަޔާއި މިކްސިން ހަދަައިދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ކޮށްފައިވާ އިޢުލާނެއް ބާތިލްކުރުމަށް އޭސީސީން އެންގުމާ ގުޅިގެން އަލުން އެ އިޢުލާންކޮށްގެން އެ މަސައްކަތް ފަށަން ޖެހުމާ ގުޅިގެން ކަމަށް ޓީވީއެމުން ވަނީ ބުނެފަ އެވެ. އެމްބީސީގެ އިއުލާން ބާތިލްކުރަން އޭސީސީން އެންގީ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އެކަންތައްތައް ކުރިއަށް ގެންދާ ކަމަށް ބުނެ އެވެ.

ޓީވީއެމުން އެހަނދާނުގެ ޝޯ ކޮންމެ އަހަރަކު ވެސް ގެނެސްދެނީ ތަފާތު ގޮތަކަށެވެ. އެގޮތުން މިފަހަރުގެ ޝޯ ގެނެސްދިނުމަށް ހަމަޖައްސާފައި ވަނީ ލައިވްކޮށް އަމިއްލަ ރާގުގެ މައްޗަށް އެކުލެވޭ އަދި ތަފާތު ހަތަރު ތީމެއް ކަނޑައަޅައިގެންނެވެ.