ދައުލަތުން ނުބައިކޮށް ދައުވާ ކުރުމުން ޑްރަގް އަތުގައި ބެހެއްޓި މީހެއްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސ. ހިތަދޫ، ފަރިމާކޯނި، ހަސަން އަޒީޒުގެ މައްޗަށް ދައުލަތުން ކުރި ދައުވާއަކީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނަނީ މި އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުގެ ވަގުތެއްގައި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ 20 ރަބަރު ޕެކެޓްގައިވާ ތަކެތި ތަހުލީލު ކުރިއިރު އެ ޕެކެޓުތަކުގައި ހުރީ އެސިޓައިލް މޯފިން އާއި އެސިޓައިލް ކޮޑައިން ކަން އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން އެދެބާވަތަކީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި ހިމެނިފައިވާ މަސްތުވާތަކެތީގެ ބާވަތަކަށް ނުވާތީ އާއި އަދި އެދެބާވަތަކީ ޑައިމޯފިންގެ ގޮތުގައި ހިމެނޭ ދެބާވަތެއް ނޫންކަން އެތަކެތި ތަހުލީލު ކުރި ފަރާތުގެ ބަހުން އެނގެން އޮންނާތީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސަބިތުނުވާކަމަށެވެ.