ރާއްޖެއިން ބޭރުން ޑޮކްޓަރުކަން ކިޔަވަން ފުރުސަތު ދޭނެ ކަމަށް ބުނެ ދަރިވަރުންނަށް އޮޅުވާލައިގެން ފައިސާ ނަގާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި މިއަދު ބުނީ ރާއްޖެއިން ބޭރުން މެޑިސިން ކިޔެވުމުގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށް ބުނެ ޒީޑް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފައިސާ ނަގައި، ކިޔަވަން ދިޔުމުގެ ކަންކަން ހަމަޖައްސައިދީފައި ނުވާ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމުގައި ގެއްލުން ލިބުނު ދަރިވަރުންނާއި އާއިލާތަކުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން 'އިބްރާހީމް ހާފިޒް'ގެ ނަމުގައިވާ އެކައުންޓަކުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ޒީޑް އިންޓަނޭޝަނަލް އިން މެލޭޝިއާ، ފިލިޕީންސް އަދި ސްރީލަންކާގައި މެޑިސިން ޕްރޮގްރާމްތަކަށް ނަގާ އަސްލު ޓިއުޝަން ފީގެ ތިން ގުނަ ނުވަތަ ހަތަރު ގުނަ ބޮޑު އަގު ދައްކަން ޖެހޭކަމަށް ބުނެ ދަރިވަރުންނަށް އޮޅުވާލައި ފައިސާ ނަގާފައިވެއެވެ. އަދި އެކަމުގެ ފަހަތުގައި ވަނީ ލަންކާގެ މީހެއް ކަމަށް ވެސް އެ ޕޯސްޓުގައި ލިޔެފައިވެއެވެ.

އެ ސްކޭމްގައި އެތައް ޑޮކްޓަރުންނަކާއި މެޑިސިން ދަރިވަރުންނެއް މިހާރުވެސް ޖެހިފައިވާ ކަމަށް އެ ޕޯސްޓުގައި ލިޔެފައިވެއެވެ.

އެ ޕޯސްޓާއެކު ޝެއާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މިހާރު ވެސް އެ ކުންފުނިން މާލޭގެ ބޮޑެތި މަގުތަކުގައި އިޝްތިހާރު ބެނާތައް ބަހައްޓާފައި އެބަހުއްޓެވެ.