ވޮޝިންގޓަން (އޮގަސްޓް 11) : އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މިޓް ރޮމްނީ އޭނާގެ ރަނިންމޭޓަކަށް (ނައިބު ރައީސަކަށް) ޕޯލް ރިޔާން އިޚްތިޔާރު ކުރައްވައިފި ކަމަށް ޚަބަރު ލިބިއްޖެ އެވެ.

ރިޔާން އަކީ ކޮންގްރެސްގައި ޖުމްހޫރީ ޕާޓީ ތަމްސީލްކުރައްވާ މެންބަރެކެވެ. ރޮމްނީ އޭނާގެ ރަނިންމޭޓަކަށް ޕޯލް ހަމަޖެއްސިކަން ރަސްމީގޮތެއްގައި އަދި ހާމަކުރައްވާފައެއް ނުވެއެވެ. މިކަން އިޢްލާންކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ހަނގުރާމައިގެ މަނަވަރެއް ކަމަށްވާ ޔޫ.އެސް.އެސް ވިސްކޮންސިންގައި މިއަދުގެ ވަގުތެއްގައި މިކަމަށްޓަކައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި ކަމަށް ރޮމްނީގެ ކޭންޕޭން އޮފީހުން ބުނެއެވެ. މިރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫ.އެސް.އެސް ވިސްކޮންސިން މިހާރު ބަނދަރުކޮށްފައިވާ ވާޖީނިޔާގެ ޢަސްކަރީ ބަނދަރުގައެވެ.

އަންނަ ނޮވެމްބަރު މަހުގެ 6 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ ރޭހުގައި މިހާރުގެ ރައީސް ބަރަކް އޮބާމާއާ ވާދަކުރައްވާނީ ރޮމްނީއެވެ. އޮބާމާގެ ރަނިންމޭޓަކީ އެމެރިކާގެ މިހާރުގެ ނައިބު ރައީސް ޖޯ ބައިޑެންއެވެ. ރަނިންމޭޓްގެ ނަން އިޢްލާންކުރެއްވުމަށްފަހު ރޮމްނީއާއި ޕޯލް، އެދެބޭފުޅުންގެ އަނބިކަނބަލުންނާއި ކޭންޕޭންގެ އިސްމަސްއޫލުވެރިންނާއެކު އާންމުންގެ ތާއީދު ހޯއްދެވުމުގެ ބުރެއްގައި ހަތަރު ދުވަހުގެ ބަސްދަތުރެއްގައި އެމެރިކާގެ ބޮޑެތި ބައެއް ސްޓޭޓްތަކަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.

ބޮޑާކަމާއި އަބުއިގޮތްތަކެއް ގެންގުޅުއްވާ ކަމަށް ތުހުމަތު ކުރެވިފައިވާ ރޮމްނީގެ މައްޗަށްވަނީ އެމެރިކާގެ ޢާންމު ރައްޔިތުންނާއި ގުޅުންކުޑަކަމުގެ ތުހުމަތުވެސް ކުރެވިފައެވެ. މިއީ ރޮމްނީގެ ވަރަށް ބޮޑު ބަލިފައެއްކަމަށް ތަޖްރިބާކާރުން ސިފަކުރެ އެވެ. ރޮމްނީގެ މިދަތުރުގެ ބޭނުމަކީ ބޮޑާނޫން އަދި އާންމުރައްޔިތުންނާ ގާތްބޭފުޅެއްކަން ދެއްކެވުންކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އެމެރިކާގެ މަތީ ފެންވަރުގެ މަހުޖަނެއްގެ ދަރިއެއް ކަމަށްވާ މިޓް ރޮމްނީއަކީ އެމެރިކާގެ މުދަލާއި ފައިސާގެ ބޮޑުބައި ކޮންޓްރޯލްކުރާ މަދުޢަދަދެއްގެ އެލީޓުންނަށް ނިސްބަތްވާ ބޭފުޅެކެވެ. (ނޫސްއެޖެންސީތައް)