"23 ޑިސެންބަރު" އިއްތިހާދުން ކުރި ސިލްސިލާ 22 މުޒާހަރާގައި އަނިޔާވެފައި ވަނީ ސްޕެޝަން އޮޕަރޭޝަން (އެސްއޯ)ގެ އެންމެ ފުލުހަކަށް ކަމަށާއި ނަމަވެސް އެމްޑީޕީން ކުރި 22 މުޒާހަރާގައި އެސްއޯގެ 48 ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން އިއްތިހާދުގެ 22 ދުވަހުގެ މުޒާހަރާގައި 309 މީހަކު ހައްޔަރުކޮށްފައިވާ އިރު، އެމްޑީޕީގެ ސީދާ ހަރަކާތުގެ 22 ދުވަހުގެ މުޒާހަރާގައި ހައްޔަރުކޮށްފައި ވަނީ 208 މީހުންނެވެ. އަދި އިއްތިހާދުގެ މުޒާހަރާގައި 13 ފަހަރަކު ކަރުނަ ގޭސް ޖަހާފައިވާ އިރު އެމްޑީޕީގެ ސީދާ ހަރަކާތުގެ އެއްވެސް މުޒާހަރާއަކަށް ކަރުނަ ގޭސް ނުޖަހާ ކަމަށް ފުލުހުން ބުންޏެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝަމީމު މިއަދު ވިދާޅުވީ ސީދާ ހަރާކަތުގައި ބާރުގެ ބޭނުން ކުރުމަށް ޕެޕާ ސްޕްރޭ 22 ފަހަރަކު ޖަހާފައިވާ އިރު، އިއްތިހާދުގެ މުޒާހަރާގައި 62 ފަހަރު ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށެވެ. އެމްޑީޕީގެ ވެރިކަން ބަދަލުވި ފަހުން ފެބްރުއަރީ 7، 2012 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 77 ފުލުހަކަށް އަނިޔާވެފައިވާ ކަމަށާއި 76 ފަހަރަކު ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ.

ފުލުހުންނަކީ ލާއިންސާނީ އަމަލުތަކެއް ހިންގާ ބައެއް ކަމަށާއި ފުލުހުންނަކީ ތައުލީމެއް ނެތް ބަޔެއް ކަމަށް ބުނަމުން ދާތީ ޝަމީމު ވިދާޅުވީ ފުލުހުންގެ އެސްއޯގައި މަސައްކަތް ކުރާ 80 ޕަސެންޓް ފުލުހުންނަކީ އޯލެވެލް ފުރިހަމަކޮށްފައިވާ މީހުން ކަމަށެވެ. ސެކަންޑަރީ ތައުލީމް ހާސިލްކޮށްފައިވާ ފުލުހުންނަކީ 13 ޕަސެންޓް ކަމަށާއި އެކި ދާއިރާތަކުން ޑިޕްލޮމާ ފުރިހަމަކޮށްފައިވާ ފަސް ޕަސެންޓު ފުލުހުން ކަމަށާއި އޯލެވެލް ފުރިހަމަކޮށްފައި ވަނީ ދެ ޕަސެންޓް ފުލުހުން ކަމަށެވެ.

ފުލުހުން ލާއިންސާނީ އަމަލު ހިންގަމުންދާ ކަމަށް ބުނެ ބޭރު ދުނިޔޭގައި އަޑުފަތުރަމުން ދާތީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޕެޝަން ރެސްޕޮންސް ޔުނިޓުގެ ޑެޕިއުޓީ ހެޑް ސައިފު ހުސައިން މިއަދު ވިދާޅުވީ ފުލުހުން ބާރުގެ ބޭނުން ކުރަނީ ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) އިން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. ގައި އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ގަވައިދުތަކުގެ މަތިން ފުލުހުން ބާރުގެ ބޭނުން ކުރަންޖެހިއްޖެ ހާލަތެއްގައި ބާރުގެ ބޭނުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތް ނޫސްވެރިންނަށް ވަނީ ދައްކާލާފަ އެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް އައުމަށް ގަދަދައްކާ ފަރާތްތައް ހައްޔަރު ކުރުމުގައި ފުލުހުން ބާރުގެ ބޭނުން ކުރުމުން ހާނިކަވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.