09 Sep 2025, 12:15
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާތައް 'ކޮންޓްރޯލް'ކުރާ ބިލުގެ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލިުވުން ސިއްރުކޮށްފިއެވެ.
ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރު ވަނީ މީޑިއާ 'ކޮންޓްރޯލް' ބިލެއް ހުށަހަޅާފައެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ބިލުގެ މަސައްކަތް ފަށާފައިވާއިރު، މިހާރު ވަނީ މީޑިއާތަކާ ބައްދަލުކޮށްފައެވެ.
އަދި ކޮމިޓީއަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރުން ހާޒިރުކޮށް ޚިޔާލު ހޯދައިފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ ކޮމިޓީގައި ވާހަކަދެއްކި ހުރިހާ މީޑިއާއަކުން ވަނީ ބިލަށް ދެކޮޅު ހަދާފައެވެ. އަދި ބްރޯޑްކޮމާއި، އެމްއެމްސީއިން ވެސް ވަނީ ބިލު އިތުރަށް ދިރާސާކޮށް، ރަނގަޅުކުރަން ޖެހޭކަމަށް ބުނެފައެވެ.

9 ސެޕްޓެންބަރު 2025: މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް --
އެއާއެކު މިއަދު ބޭއްވި ކޮމިޓީގައި މި ބިލު ދިރާސާކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވަނީ ކޮމިޓީ ސިއްރުކުރަން ހުށަހަޅައިފައެވެ. ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ މި ބިލަށް ވަރަށް ގިނަ ބައެއްގެ ކޮމެންޓު ލިބިފައިވާތީ، އެ ފަދަ ކޮމެންޓުތައް ބަލައި ދިރާސާކުރާއިރު މީހުންގެ ޒާތީ މައުލޫމާތު ވެސް ހާމަވާނެތީ ކަމަށް ނަސީމް ފާހަގަކުރެއްވިއެވެ. އެހެންވެ މިވަގުތަށް އެންމެ މަސްލަހަތު ހުރި ގޮތަކީ ކޮމިޓީ ސިއްރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ ކޮމިޓީ ސިއްރުކުރަން މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީ ސިއްރުކުރަން ނިންމުމާއެކު، ކޮމިޓީ އަޑުއަހަން ހާޒިރުގެ ތިބި ބައެއް ނޫސްވެރިން ވަނީ ހިތްހަމަނުޖެހުން ވެސް ފާޅުކުރައްވައިފައެވެ.
ހައްނާން ހުށަހެޅުއްވި ބިލުގައި އޮތީ ކީކޭ؟
މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން
- ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ
- ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން
- ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް
- ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް
- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ
- މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ
- ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ
- ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް
- ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ