11 Aug 2012, 15:56
ޓައިމް މަޖައްޖައްލާ އާއި ސީއެންއެން ވެބްސައިޓަށް ލިއުއްވާ މަޝްހޫރު، ފޮރިން އެފެއާޒް ލިއުންތެރިޔާ، އަދި ސީއެންއެންގެ ޕްރޮގްރާމް ހުށަހެޅުން ތެރިޔާ ފަރީދު ޒަކަރިޔާ ޓައިމް މަޖައްލާ އާއި ސީއެންއެން އިން ސަސްޕެންޑްކޮފި އެވެ.
މަޝްހޫރު ޓައިމް މަޖައްލާ އާއި ސީއެންއެން އިން ފަރީދު ސަސްޕެންޑް ކުރީ އިއްޔެ ނުކުތް ޓައިމް މަޖައްލާގެ އަދަދުގައި ފަރީދު ޒަކަރިއްޔާ ދަ ނިޔޯކާ އިން ކޮޕީކޮށްފައިވާ ޕެރެގްރާފެއްގެ މައްސަލަ ފެންމަތި ވުމުންނެވެ. އެ އާޓިކަލްގެ ކުލާސާ ބައެއް ވަނީ ސީއެންއެންގެ ވެބްސައިޓްގައި ވެސް ޖަހައިފަ އެވެ.
ފަރީދު ޒަކަރިއްޔާގެ އާޓިކަލް ޓައިމްގައި ޖެހުމާ އެކު މީޑިއާ ވޮޗްޑޯގް، ނިއުސްބަސްޓާސް އަދި ނޭޝަނަލް ރިވިއު އޮންލައިނުން ވަނީ އެ މައްސަލަ ފެންމަތިކޮށްފަ އެވެ.
މީޑިއާގެ ފަރާތްތަކުން އެ މައްސަލަ ނަގައި އެކަން ހިނގާފައިވާ ގޮތް ސާފުކުރުމަށް ޓައިމްގެ ފަރާތުން ރަސީމީ ބަހެއް ހޯމަށް އެދުމުން ފަރީދު ވަނީ އެއީ ކުށެއް ކަމަށް އިއުތިރާފުވެފަ އެވެ.
ފަރީދުގެ އެ އިއުތިރާފާ އެކު ޓައިމުން ވަނީ އޭނާގެ އެ ކުށަށް މައާފު ދީފަ އެވެ. ނަމަވެސް ބުނެފައި ވަނީ އޭނާގެ ކޮލަމް އެއް މަސް ދުވަހަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ސީއެންއެން އިން ބުނެފައި ވަނީ އޭނާގެ ޕޯސްޓް ވެބްސައިޓުން ނަގާފައިވާ ކަމަށާއި އަދި އެ މައްސަލަ ރިވިއު ކުރުމަށް އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
އިންޑިއާ އަށް އުފަން ޒަކަރިއްޔާ އަކީ އެމެރިކާގެ ނޫސްވެރިކަމުގައި މަޝްހޫރު މޫނެކެވެ. އޭނާ ޓައިމަށް ލިއަން ފެށުމުގެ ކުރިން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ނިއުސްވީ ކަށް ވެސް ލިއެފަ އެވެ. އޭނާ ވަނީ ގިނަ ފޮތްތަކެއް ވެސް ލިއެފަ އެވެ.