11 Aug 2012, 15:26
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެފައި ވަނީ ބަޣާވާތަކުން ނޫން ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ވެސް ގަބޫލުކުރައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިފާގު ވިދާޅުވީ ރައީސްކަން ކޮށްފައިވާ މީހަކަށް ލިބޭ އިނާޔަތްތައް ނުލިބިގެން ރައީސް ނަޝީދު ޝަކުވާކުރެއްވި ކަމަށެވެ. އަދި އޭގެ ފަހުން އެމަނިކުފާނަށް އެ އިނާޔަތް މިހާރު ލިބެމުންދާ ކަމަށާއި ގާނޫނު އަސާސީގައި ބުނާ ގޮތުން އެ އިނާޔަތް ލިބެނީ ހަމައެކަނި ގާނޫނީ ހަމަތަކުން ވަކިވާ ރައީސުންނަށް އެކަނި ކަމަށެވެ.
ޝިފާގު ވިދާޅުވީ ރައީސް ނަޝީދަށް އެ އިނާޔަތް ލިބިވަޑައިގަންނަވަނީ ގާނޫނީ ހަމަތަކުގެ މަތިން ރައީސްކަމުން ވަކިވެވަޑައިގެންފައި ވާތީ ކަމަށާއި އެކަން ނަޝީދު އަމިއްލަފުޅަށް ވެސް ގަބޫލުކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ބުނެވެން ނޯންނާނެ ކަމަށް ވެސް ޝިފާގު ވިދާޅުވި އެވެ.
"ގާނޫނު އަސާސީގައި ވަނީ ގާނޫނީ ހަމަތަކުގެމަތިން ވަކިވާ މީހަކަށް ހިމާޔަތާއި އިނާޔަތާއި ރައްކާތެރިކަން ލިބިދޭންޖެހޭނެޔޭ. އެ ހިމާޔަތާއި އިނާޔަތާއި ރައްކާތެރިކަން ލިބިދޭން ޖެހޭ ގާނޫނެއް ވަނީ ފާސްކުރެވިފައި. ރައީސް ނަޝީދަށް މިދެންނެވި ޕެކޭޖް ލިބިވަޑައި ނުގެން އެމަނިކުފާނު މައްސަލަ ޖެއްސެވި. އެމަނިކުފާނު ވަކީލުން ފޮނުއްވެވި. އެ އިނާޔަތް އެ ހޯއްދަވަމުން ގެންދަވަނީ. ކީކޭތޯ މި ވިދާޅުވަނީ. ކިހިނަކުންތޯ ބަޣާވާތަކުން ވަކިވާ މީހާ ގާނޫނީ ހަމަތަކުން ވަކިވާނީ. އެހެންވީމާ ރައީސް ނަޝީދުގެ އަމަލާއި ބަހާއި ދިމާނުވާ ކަމަށް އޭރުވެސް މިހާރު ވެސް އެނގޭ. އެމަނިކުފާނު އެވަނީ ސާފު ސަރީހަ އިބާރާތުން ތިމަން މަނިކުފާނު ވަކިވީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ގަބޫލުކުރައްވާފައި،" ޝިފާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދު ވެރިކަމުގައި ހުންްނެވި އިރު ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް ގިރިފުށީގައި ބެހެއްޓި މައްސަލައިގައި ރައްޔިތުން މުޒާހަރާ ކުރަންފެށުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެމަނިކުފާނާ ބައްދަލުކުރެއްވި ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރައީސް ނަޝީދާ ބައްދަލުކުރައްވައި އަބްދުﷲ ގާޒީ ދޫކޮށްލެއްވުމަށް އެމަނިކުފާނު އަރިހު ދެންނެވި ކަމަށާއި ނަމަވެސް އެގޮތަށް ދެންނެވުމުން އެމަނިކުފާނު އެގޮތް ގަބޫލުފުޅެއް ނުކުރެއްވި ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އެރުވި ލަފާ އެމަނިކުފާނު ގަބޫލުނުކުރައްވައި ގޮތް ދޫނުކުރެއްވުމުގެ ނަތިޖާއެއްގެ ގޮތުން ކަމަށެވެ.
"ތިޔަ ބޭފުޅުން ދުރުގައި އަބްދުﷲ ގާޒީ ދޫކޮށްލެއްވުމަށް އަޑުއުފުއްލެވަމުން ގެންދެވީ. އަޅުގަނޑުމެން އެތެރޭގައި އަޅުގަނޑުމެންގެ އޭރުގެ ޕާލަމެންޓްރީ ގްރޫޕް އެއްކޮށް ރައީސް ނަޝީދާ ބައްދަލުކޮށްފައި ދެންނެވީމޭ. ހެޔޮނުވަނޭ ރައީސް އޭ. މަނިކުފާނު ބޮނދު ބުނޑަށް ސައޭ ތިޔި ކިޔަނީ. މާތްކަލާކޯއޭ އަބްދުﷲ ގާޒީ ދޫކޮށްލައްވާށޭ. މިއީ ޕާލަމެންޓްރީ ގްރޫޕުން އެމަނިކުފާނަށް އެރުވި ލަފާ. ރައީސް ނަޝީދު ވިދާޅުވީ ނޫނެކޭ. ތިމަންނާ މިހިރީ ދޫކޮށްލާ ގޮތަކަށް ނޫނޭ. އެންމެ ފަހުގޮޅިއާ ހަމަޔަށް ވެސް އަރަންށޭ މިހިރީ. އޭރުން ދެން ޖެހޭނީ ތިޔަ ބޭފުޅުންނަކާ ނޫންތޯއޭ. ކަންވީކީ އެހެންނެއް ނޫން. ދިވެހި ރައްޔިތުން ހައްގު ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވީ،" ޝިފާގު ވިދާޅުވި އެވެ.