11 Aug 2012, 14:58
ކެނެޑާގެ މަޝްހޫރު ގާރީއެއް ކަމުގައިވާ އިމްރާން ޚާން އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް (އައިއެފްއެމް)ގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.
އައިއެފްއެމް އިން މިއަދު ބުނީ ގާރީ އިމްރާން ޚާން ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 14 އިން 16 އަށް ކަމަށާއި އޭނާގެ ދަތުރުގައި ދެ ސެމިނާ އެއް ހިންގެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ "ޤުރްއާން އެންޑް ތަޖްވީދް ސެމިނާ" އަކާއި "އަޒާން (ބަންގި) ސެމިނާ" ކަމަށް ވެސް އައިއެފްއެމް އިން ބުންޏެވެ.
އައިއެފްއެމް އިން ބުނީ މި މަހުގެ 15 ވަނަ ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ސެމިނާތަކުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށާއި ސެމިނާ އޮންނާނީ ނަލަހިޔާ ހޮޓެލްގައި ކަމަށެވެ. އަދި ސެމިނާގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނެގުމަށް ހަމަޖެހިފައި ނުވާ ކަމަށް ވެސް އައިފެއެމް އިން ބުންޏެވެ.
ޤާރީ އިމްރާން ޚާން އަކީ ޕީސް ޓީވީ އާއި ޝާރްޖާހް ފަދަ ޓީވީ ޗެނަލްތަކަށް ޕްރޮގްރާމް ރެކޯޑްކޮށްދެއްވާފައިވާ ބޭފުޅެކެވެ. ރާއްޖެ ކުރައްވާދަތުރުގައި އައިއެފްއެމްގެ ޓީވީ ޗެނަލް އެމްވީޓީވީ އަށް ޕްރޮގްރާމްތައް ރެކޯޑް ކޮށްދެއްވުމަށް ހަމަޖެހިފައިވެ އެވެ.
ޤާރީ އިމްރާން ޚާން ވަނީ އެމެރިކާ، ކެނެޑާ، ޔޫރަޕް، މެދުއިރުމަތި އަދި އިންޑިޔާގައި ޕްރޮގްރާމްތައް ހިންގަވާފަ އެވެ. އަދި 50 އަށް ވުރެ ގިނަ އަޒާން ސެމިނާ އާއި 90 އަށް ވުރެ ގިނަ ތަޖްވީދް ވޯކްޝޮޕް ހިންގަވާފައިވެ އެވެ.
ޤާރީ އިމްރާން ޚާން އަކީ މަޝްހޫރު ދީނީ އިލްމުވެރިއެއްކަމުގައިވާ ޑރ. ޖަމާލް ބަދަވީގެ ދަރިވަރެކެވެ.
އޭނާ ވާހަކަ ދައްކަވާފައިވާ މައުޟޫތަކުގެ ތެރޭގައި "ހަލްޤު ކުރުއްވުމުގެ މަޤްޞަދު"، "ދުޢާގެ ބާރު" އަދި "މުސްލިމު ޒުވާނުންގެ ސިފަތައް" ހިމެނެ އެވެ.