އެފްއޭއެމް އިންތިބާހު ދެ ވަނަ ފަހަރަށް ފަސްކުރަން ޖެހުނީ ވެސް ޔުނައިޓެޑް ވިކްޓަރީގެ ވޯޓުގެ މައްސަލާގަ އެވެ. ޖުލައި 18 ވަނަ ދުވަހު އިންތިހާބު އިނދިކޮޅު ކެނޑިޑޭޓް އިލްހާމް އަހުމަދުގެ ޓީމުން ހުއްޓުވީ ޔުނައިޓެޑް ވިކްޓަރީގެ ވޯޓު ނުލިބޭނެކަން ކަށަވަރުވުމުންނެވެ. އެ އިންތިހާބު މިއަދު ބާއްވަން އުޅުމުން އެފްއޭއެމްގެ މިހާރުގެ ރައީސް އަލީ އާޒިމްގެ ސަޕޯޓަރުން އިންތިހާބު ހުއްޓުވީ ވެސް ޔުނައިޓެޑް ވިކްޓަރީގެ ވޯޓު ނުލިބޭނެކަން ޔަގީންވުމުންނެވެ.

ޔުނައިޓެޑް ވިކްޓަރީގެ ވޯޓު މިހާ މުހިންމު ވަނީ ކީއްވެ ހެއްޔެވެ؟ ސަބަބަކީ މިއީ ޑިސައިޑިން ވޯޓަށްވާތީ އެވެ. އެފްއޭއެމް އިންތިހާބުގައި ވޯޓުލަނީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބާއި ދެ ވަނަ ޑިވިޝަނުގެ ތިން ކުލަބު އަދި ތިންވަނަ ޑިވިޝަނުގެ ދެ ކުލަބެވެ. މީގެ ތެރެއިން ފުރަތަމަ ޑިވިޝަން އޮތީ ހަމަހަމަކޮށެވެ. އާޒިމް ކޮޅުގައި ތިބީ ނިއު ރޭޑިއަންޓާއި ވެލެންސިއާ އަދި ވިކްޓަރީ އާއި އޭވައިއެލް އެވެ. އިލްހާމަށް ވޯޓުދެނީ ވީބީ އާއި ވިޔަންސާ އަދި އީގަލްސް އާއި މާޒިޔާ އެވެ. ތިން ވަނަ ޑިވިޝަނުން ވޯޓުލާ ދެ ކުލަބު ހޮވުމަށް ޕްރައިމަރީގައި ވޯޓުދޭ ހަތް ކުލަބަކީ ވެސް އާޒިމަށް ތާއީދުކުރާ ޓީމުތަކެވެ. މިހެންވެ ތިން ވަނަ ޑިވިޝަނުގެ ދެ ވޯޓު ލިބޭނީ އާޒިމަށެވެ. ނަމަވެސް ޔުނައިޓެޑް ވިކްޓަރީ އެ ޑިވިޝަނެއްގައި ހިމެނޭ ދެ ވަނަ ޑިވިޝަނުން ވޯޓުލާ ތިން ކުލަބު ހޮވުމަށް ޕްރައިމަރީގައި ވޯޓުދޭ ހަ ކުލަބުގެ ތެރެއިން ތިން ކުލަބު އިލްހާމަށް ތާއިދު ކުރާއިރު އާޒިމަށް ޔަގީންވަނީ ދެ ވޯޓެވެ. ޔުނައިޓެޑް ވިކްޓަރީގެ ވޯޓު އާޒިމަށް ލިބިއްޖެނަމަ ދެ ވަނަ ޑިވިޝަންގެ ޕްރައިމަރީ ހަމަހަމަވެ، އެ ޑިވިޝަނުގެ ރަސްމީ ތިން ވޯޓުން އެއްވޯޓު އާޒމަށް ޔަގީންވާނެ އެވެ. އެއިރުން އިލްހާމަށް ދެ ވޯޓު ލިބި ފައިނަލް ނަތީޖާއިން ބަލިވާނީ ވެސް އިލްހާމެވެ. ނަމަވެސް ޔުނައިޓެޑް ވިކްޓަރީގެ ވޯޓު ލިބިއްޖެ ނަމަ ނުވަތަ އެކުލަބުން ވޯޓު ނުލައިފިނަމަ ދެ ވަނަ ޑިވިޝަނުގެ ފުރިހަމަ އައުލަބިއްޔަތާއެކު 7-6 އިން އާޒިމް ބަލިވެ އެފްއޭއެމުގެ ރައީސްކަން އިލްހާމަށް ލިބޭނެ އެވެ.

އަނެއްކޮޅުން ޔުނައިޓެޑް ވިކްޓަރީގެ ވޯޓު ލިބޭ މީހަކަށް މިއަށްވުރެ ތަނަވަސް އައުލަބިއްޔަތެއް ލިބުން ވެސް އެކަށީގެންވެ އެވެ. އެއީ ފުރަތަމަ އިންތިހާބު ކުރަނީ ރައީސް އާއި ނާއިބް ރައީސްގެ ވޯޓުކަމުން އެކްސްކޯގެ ގޮނޑިއެއް ބޭނުންނަމަ އެފަރާތްތަކަށް ވޯޓުދޭން މަޖުބޫރުވާނެތީ އެވެ. މިހެންވެ ވެއްޖެނަމަ ބައެއް ކުލަބުތަކުގެ ފިކުރު ވަގުތުން ބަދަލުވެސް ކުރާނެ އެވެ.
ކަން މިހެން އޮތްއިރު މިކަމާ ގުޅިގެން ވަރަށް ފޯރިގަދަ ކަންތައްތަކެއް ވެސް ވަނީ ހިނގާފަ އެވެ. އެންމެ ފުރަތަމަ ޖުލައި 18 ވަނަ ދުވަހު ޔުނައިޓެޑް ވިކްޓަރީން އިންތިހާބުގައި ވޯޓުލާން ދިޔަ އެވެ. އެކަމަކު އެކުލަބުގެ ފަރާތުން ގޮސްއިނީ ރައީސް އިސްމާއީލް ރަޝީދު (ބޭކޭ) އެފްއޭއެމުގެ ވޯޓުލުމަށް ރަޖިސްޓަރީކޮށްދިން މ. މުލީ އަބުދުލްހަމީދު ކިޔާ މީހެކެވެ. ހަގީގަތުގައި މިމީހަކީ އާޒިމަށް ތާއީދުކޮށް، އޭނާއަށް ވޯޓުދޭން ގޮސްއިން މީހެކެވެ. މިހެންވެ ކުލަބުން ކަންބޮޑުވުން ފާޅުކުރީ އެއީ އެކުލަބަށް ނުވެސް އެނގޭ މީހެއް ކަމަށްބުނެ އެވެ. މިހެންވެ އޭނާއަކީ ކާކުތޯ ހޯދަން ޕިކަޕްތަކުގައި ފޮޓޯ ހަރުކޮށް މާލޭގެ މަގުތަކަަށް ވެސް ވަނީ އޭނާގެ ފޮޓޯޖެހި ޕޯސްޓަރުތައް އަޅާފަ އެވެ. ހަމީދު މިވަގުތު ހުރީ އޭނާގެ ރަށުގަ އެވެ. މިއަދު ބާއްވަން އުޅުނު އިންތިހާބުގައި ވޯޓުލާން އޭނާ ނާދެ އެވެ. ފީފާ އާއި އޭއެފްސީގެ އޮފިޝަލުން އޭނާއާ ވާހަކަ ދެއްކުމުން އޭނާ ވަނީ ކަންހިނގިގޮތް ކިޔާދީފަ އެވެ.

އިތުބާރުހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި މިއަދު ވޯޓުލުމަށް ހަމީދު ބަލައި މާލެއިން ބަޔަކު ދިޔަ އެވެ. އެކަމަކު އޭނާ ނައީ ޔުނައިޓެޑް ވިކްޓަރީގެ ބޯޑުން ވޯޓުނުލާން ނިންމާފައިވުމުންނެވެ. އާޒިމްގެ ސަޕޯޓަރުން ބުނަނީ ހަމީދަށް ބިރުދައްކައި ބަޔަކު އޭނާ ހައިޖެކްކޮށްފައިވާ ކަމަށެވެ.

ނަމަވެސް އަދި މާހެއްވާ ކަމެއް އެބައޮތެވެ. ފުޓްބޯޅައިގެ ވާނުވާ ވަރަށް އެނގޭ މީހަކު އަޅުގަނޑު ގާތު ބުރާސްފަތި ދުވަހުގެރޭ ބުންޏެވެ.

"އޭނާ އަކީ އަސްލު މުލީ ޒުވާނުންގެ ޖަމިއްޔާގެ ވޯޓުލާން. އޭނާ އަކަށް ނޭނގެ މީގަ ވާގޮތެއް މާ ރަނގަޅަކަށް. ދެން އިންތިހާބީ ހޯލަށް ވަންނަން ދިޔައި އެފްއޭއެމް އޮފިޝަލުން ބުނީ ޝާހު (ޖެނެރަލް ސެކްރެޓަރީ)އާ ބައްދަލުކުރަން. ދެން ބުނީ ޔޫވީ (ޔުނައިޓެޑް ވިކްޓަރީ) ޖަހާފައި ހުރި މޭޒުގެ ދެގޮނޑިން އެއްގޮނޑީގައޭ އޭނާ އިންނާނީ. އޭނާ ހުރީ މިހާރު ރަށުގަ. އޭނާ ދެން ނާންނާނެ މިވޯޓުލާކަށް،" ކުރިން އެފްއޭއެމްގެ އެކްސްކޯގައި ވެސް ހަރަކާތްތެރިވި ބޭފުޅާ ބުންޏެވެ.

ކޮންމެވެސް ގޮތަކުން ހަމީދު ވޯޓުލާން އައިސްފާނެތީވެ ޔުނައިޓެޑް ވިކްޓަރީން ވަނީ ބޯޑުގެ އައުލަބިއްޔަތުން ވޯޓުނުލާން ނިންމައިފަ އެވެ. މިކަން އެފްއޭއެމުން ފުރަތަމަ ގަބޫލު ނުކުރީ އެކުލަބުގެ ރައީސް ބޭކޭ ފުވައްމުލަކުގައި އަދި ނާއިބް ރައީސް އައްޑޫަގައި ހުރި ކަމަށްބުނެފަ އެވެ. ޔުނައިޓެޑް ވިކްޓަރީގެ އަސާސީ ގަވާއިދު ބުނާގޮތުން ރައީސް ނާއިބް ރައީސް ނެތި ޖަލްސާ ބޯޑު ޖަލްސާއެއްނުބޭއްވޭނެ އެވެ.

"ކިހިނެތް ބޯޑު ބައްދަލުވުމެއް ބޭއްވޭނީ ރައީސް ނާއިބް ރައީސް ނެތި. އެކުލަބުގެ އަސާސީ ގަވާއިދު ބުނަނީ އެދެމީހުންކުރެ މީހަކު ހުރެގެންނޭ ބައްދަލުވުން ބޭއްވޭނީ. ދެން ރައީސް މިހާރު އެބައޮތް އޭނާ ލައްވައި ގަދަކަމުން ސޮއިކުރުވީ ކަމަށާއި އެކަން ގަބޫލުނުކުރަން ސިޓީ ފޮނުވާފަ. އެހެންވީމަ ގަބޫލު ނުކުރީ. ދެން މިހާރު އެމީހުން ހޯމް މިނިސްޓްރީތެރެއިން ބަދަލުކޮށްފި ޔުނައިޓެޑް ވިކްޓަރީގެ ރައީސާއި ނާއިބް ރައީސްވެސް. އެކަމަކު 4 ޖުލައިގައި އެފްއޭއެމަށް އެބައޮތް ސިޓީ ލިބިފަ ރައީސް އާއި ނާއިބް ރައީސަކީ ކާކުކަމަށްބުނެ،" ނަން ނުޖަހަން އެދެމުން މިއަދު އާޒިމަށް ތާއީދުކުރާ ޓީމުގެ މީހަކު ބުންޏެވެ.
ނަމަވެސް ހަގީގަތަކީ ކޮބާތޯ އެވެ؟