08 Sep 2025, 08:44
އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވުމާ ގުޅިގެން އޭގެ އަސަރު އެންމެ ބޮޑަށް ކުރި ޕާކިސްތާނު އެކްޓަރު ފަވާދު ޚާން މުހިއްމު ރޯލް ކުޅޭ ބޮލީވުޑް ފިލްމު "އަބީރު ގުލާލް" އަންނަ ހުކުރު ދުވަހު ރިލީޒްކުރާނެކަން އިއުލާނުކޮށް ފިލްމުގެ ޓްރެއިލާ ވެސް ދައްކާލައިފިއެވެ.
މި އަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހު ފިލްމު ރިލީޒްކުރާނެކަން ރަސްމީކޮށް އިއުލާނުކުރި ނަމަވެސް ދެ ޤައުމުގެ ގުޅުން ގޯސްވެ އިންޑިއާގައި ޕާކިސްތާނުގެ ފިލްމީ ތަރިން ހިމެނޭ ކޮންޓެންޓްތަކާއި އެ ޤައުމުގެ ކޮންޓެންޓްތައް މަނާ ކުރުމާ ގުޅިގެން ބޭރު މާކެޓުތަކުގައި ފިލްމު ޕްރީމިއާކުރާނެ ތާރީޚު ވެސް އޭރު އިއުލާނެއް ނުކުރެއެވެ.

ފިލްމު "އާބީރު ގުލާލް" ޓްރެއިލާގެ މަންޒަރެއްގައި ފަވާދު އާއި ވާނީ--ފޮޓޯ/އިންސްޓަގްރާމާ
ނަމަވެސް ފިލްމުގެ ޓައިޓްލް "އާބީރު ގުލާލް"އަށް ބަދަލުކޮށް ހުކުރު ދުވަހު އިންޑިއާއިން ބޭރުގެ މާކެޓުތަކުގައި ޕްރީމިއާކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ.
އެގޮތުން އިންޑިއާ ނުހިމެނޭހެން ބޭރުގެ 75 ޤައުމެއްގައި ފިލްމު ޕްރީމިއާކުރަން ވަނީ ނިންމާފައެވެ. މި ފިލްމުގެ ރަސްމީ އިންސްޓަގްރާމްގައި ފިލްމުގެ ޓްރެއިލާ ދައްކާލާފައިވާއިރު ފިލްމުގެ ޕްރޮމޯޝަންއާ ގުޅޭ އެއްވެސް ވީޑިއޯއެއް ޔޫޓިއުބް މެދުވެރިކޮށް އިންޑިއާގައި ވަނީ ބެލޭގޮތް ނުވެފައެވެ.
ކުރިންވެސް ބޮލީވުޑްގެ ބައެއް ފިލްމުތަކުން ފެނިފައިވާ ފަވާދު ޚާން ލީޑް އެކްޓަރުގެ ރޯލްއިން ފެންނާނެ "އާބީރު ގުލާލް" އަކީ އާރްގީ ބަގްޅީ ލިޔެ ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ. ބޮޑު ބައެއް އިނގިރޭސިވިލާތުގެ ހިތްގައިމު ސިޓީ ތަކުގައި ޝޫޓްކޮށްފައިވާ މި ފިލްމުގެ ބަތަލާ އަކީ ބޮލީވުޑްގެ ތަރި ވާނީ ކަޕޫރެވެ.