އިންޑިއާގެ ސިނަމާގައި މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދައި ރެކޯޑުތަކެއް މުގުރާލި ފިލްމު "ބާހޫބާލީ"އިން ލިބުނު ފުރުސަތު ކުރީގެ ބަތަލާ ސްރީދޭވީ ދޫކޮށްލީ އެ ފިލްމުން ހުށަހެޅި ފީ ކުޑަވުމުން ކަމަށް ސްރީގެ ފިރިމީހާ އަދި ޕްރޮޑިއުސަރު ބޮނީ ކަޕޫރު ބުނެފިއެވެ.

ޔޫޓިއުބް ޗެނަލް 'ގޭމް ޗޭންޖާސް'އަށް ދިން އިންޓަވިއުއެއްގައި ބޮނީ ބުނީ، ސްރީދޭވީއަށް ފިލްމުގެ ޕްރޮޑިއުސަރުން ހުށަހެޅީ ސްރީގެ މަގުބޫލު ފިލްމު "އިންގްލިޝް ވިންގްލިޝް"އަށް ވުރެ ވެސް ކުޑަ އަގެއް ކަމަށެވެ.

ސްރީދޭވީ އަކީ، އިންޑިއާގެ ސިނަމާގެ އެންމެ މަގުބޫލު އަދި އިހުތިރާމް ލިބިފައިވާ ބަތަލާއެއް ކަމުން ކުޑަ ފީއަކަށް އަންހެނުން ފިލްމަކަށް ސޮއިކުރުމަށް ޚުދު ބޮނީ ވެސް ލަފާ ނުދޭނެ ކަމަށް ވަނީ ބުނެފައެވެ.

ފިލްމު "ބާހޫބަލީ"ގެ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީ އަދި ކުރީގެ ބަތަލާ ސްރީދޭވީގެ ދެމަފިރިން--ފޮޓޯ/ފިލްމުފެއަ

ފިލްމު "ބާހޫބަލީ"ގައި ސްރީދޭވީއަށް ހުށަހެޅީ އެ ފިލްމުގެ ފުރަތަމަ ބައިގައި ދެއްކި 'ސިވަގާމީ'ގެ ރޯލެވެ. އެ ރޯލް ސްރީދޭވީއަށް ހުށަހެޅުމަށްޓަކައި ބޭއްވި ބައްދަލުވުމަށް ފިލްމުގެ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީ އާއި ފިލްމުގެ ދެ ޕްރޮޑިއުސަރުން ކަމަށްވާ ޝޯބޫ އަދި ޕްރަސާދް ވެސް ދިޔަ ކަމަށް ބޮނީ ވަނީ ބުނެފައެވެ.

ފިލްމަށް ކަނޑައެޅުނު ފީގެ އަދަދު ހާމަނުކޮށް ބޮނީ ބުނީ ސްރީދޭވީއާ ފީއާ ގުޅޭގޮތުން މަޝްވަރާ ކުރެވުނީ އެސްއެސް ރާޖާމޮލީ އެ ބައްދަލުވުން ދޫކޮށް ދިއުމުން ޕްރޮޑިއުސަރުންނާ އެކު ކަމަށެވެ.

ފިލްމު "ބާހޫބަލީ"ގެ ރޯލް ދޫކޮށްލުމުން ކުރީގެ ބަތަލާ ސްރީދޭވީގެ ޑިމާންޑުތަކާ ގުޅިގެން އޭރު ބައެއް މީޑިއާތަކުގައި ޑައިރެކްޓަރު ރާޖާމޮލީ ވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކާފައި ކަމަށް ބޮނީ ވަނީ ބުނެފައެވެ.

އެގޮތުން ހޮޓަލެއްގެ އެއް ފަންގިފިލާ ހުރި ގޮތަށް ސްރީދޭވީއަށް ރިޒާވްކޮށްދީ ދިހަ މީހުންގެ ފްލައިޓްގެ ޓިކެޓްތައް ނަގައިދިނުމަށް ސްރީދޭވީ ޑިމާންޑުކުރި ކަމަށް ރާޖާމޮލީ ވަނީ ކުރީގެ އިންޓަވިއުއެއްގައި ބުނެފައެވެ.

ނަމަވެސް ބޮނީ ބުނީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި ސްރީދޭވީ އާއި ބޮނީ އެދުނީ ފިލްމުގައި ބަތަލާ ކުޅޭ ރޯލްގެ ޝޫޓިންގް ދެ މީހުންގެ ކުދިންގެ ސްކޫލް ބަންދުވާ ދުވަސްކޮޅަކާ ދިމާކޮށް ކުރިއަށްގެންދިއުމަށް ކަމަށް ބޮނީ ބުނެފައިވެއެވެ.

މިހާތަނަށް ސްރީދޭވީ އަކީ އިންޑިއާގެ އެންމެ މަގުބޫލު އަދި ތަޖުރިބާކާރު ބޮޑެތި ފިލްމު ކުންފުނިތަކާ އަދި ޑައިރެކްޓަރުންނާ އެކު މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. އެހެންކަމުން ރާޖާމޮލީމެން ފާހަގަ އެކުރި ކަހަލަ ޑިމާންޑުތަކެއް ސްރީގެ އޭރު ހުރި ނަމަ އެއްވެސް ޕްރޮޑިއުސަރަކު އަންހެނުންނާ އެކު މަސައްކަތް ނުކުރާނެ ކަމަށް ބޮނީ ވަނީ ބުނެފައެވެ.

ސައުތު ސިނަމާގެ އެންމެ ނުފޫޒުގަދަ ޑައިރެކްޓަރުންގެތެރޭ ހިމެނޭ ރާޖާމޮލީ ވަނީ ސްރީދޭވީއާ ގުޅޭގޮތުން ދެއްކި ވާހަކައަށް ފަހުން މީޑިއާގައި މައާފަށް އެދި އެފަދަ ޒާތީ ވާހަކަތަކަކީ އާއްމުކޮށް ދައްކަން ނުޖެހޭ ވާހަކަ ކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފައެވެ. ފިލްމު "ބާހޫބަލީ"ގައި ދެއްކި 'ސިވަގާމީ'ގެ ކެރެކްޓާ ފަހުން ކުޅުނީ ތެލުގޫ އަދި ތަމަޅަ ބަތަލާ ރާމްޔާ ކްރިޝްނަންއެވެ.