އިންޑިއާގެ މަޝްހޫރު ސްޓޭންޑް-އަޕް ކޮމީޑިއަން, ޒާކިރު ޚާން ދުވަސްކޮޅަކަށް ސްޓޭންޑް އަޕް ކޮމެޑީ ޝޯތައް ދިނުން މެދުކަނޑާލަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

އިންސްޓަގްރާމްގައި މިދިޔަ ހޮނިހިރު ދުވަހު އެކަން އިއުލާނު ކުރަމުން ޒާކިރު ބުނީ ސްޓޭންޑް-އަޕް ކޮމެޑީ ޝޯތައް ދިނުން ހުއްޓާލަނީ ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ޑޮކްޓަރުންގެ ލަފާ އާއި އިރުޝާދުގެ ދަށުން ކަމަށެވެ.

ޒާކިރަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ އެކަމަށް ފަރުވާ ހޯދަމުން އަންނަތާ އަހަރެއްހާ ދުވަސްވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ބައްޔާއި ގުޅޭ ތަފުސީލު ހާމައެއް ނުކުރެއެވެ.
ޒާކިރު އަންނަނީ ފާއިތުވެދިޔަ 10 އަހަރުގެތެރޭ މެދުކެނޑުމެއް ނެތި އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގައި ވެސް ޝޯތަކެއް ދެމުންނެވެ.

ޒާކިރު ޚާންގެ ޝޯއެއް އެމެރިކާގައި ބާއްވާކަން އިއުލާނުކޮށްފައިވާ ޕޯސްޓަރެއް--ހިންދުންސްތާންޓައިމްސް

އާއްމުންގެ ފަރާތުން މެދުކެނޑުމެއްނެތި ލިބޭ ތަރުހީބާއި ލޯބި ދުވަހެއް ދުވަހަކަށް އިތުރުވަމުންދިޔަ ނަމަވެސް ސްޓޭންޑް-އަޕް ކޮމެޑީ ޝޯތައް ދިނުމަށް ޓުއާތައް ކުރިއަށްގެންދިޔުމަކީ ސިއްހީ ގޮތުން ވެސް އޭގެ އަސަރުކުރާ ކަމެއް ކަމަށް ޒާކިރު ވަނީ ބުނެފައެވެ.

އެގޮތުން ބައެއް ޓުއާ ތަކުގައި ޝޯ ދިނުމަށް އޭނާގެ ނިދި ނަގާލާ ކަމަށާއި ހެނދުނު ހެނދުނާ ދަތުރުކުރަންޖެހި ދުވަހުގެ ކެއުންތައް ވެސް ބޭނުން ގަޑިއެއްގައި ކެއުމުގެ ސަބަބުން ސިއްހީ މައްސަލަތަކެއް ކުރިމަތިވެ ވަރަށް ބޮޑަށް ބަލިވެފައިވާ ކަމަށް ޒާކިރުގެ އިންސްޓަގްރާމްގައި ލިޔުނު ޕޯސްޓުގައި ބުނެފައިވެއެވެ.

ސްޓޭންޑް-އަޕް ކޮމެޑީ ޝޯތައް ދިނުމަކީ އޭނާ ވަރަށް ކުރާ ހިތުން ކުރާ ކަމެއް ނަމަވެސް ޒާކިރު ވަނީ އޭނާ ޝޯތައް ބާއްވާނެ އަދަދު މަދުކޮށްފައެވެ.

އެގޮތުން އިންޑިއާގައި "ޕާޕާ ޔާރު"ގެ ނަމުން ފަށާފައިވާ ޓުއާގެ ދަށުން މި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް އޭނާ ޝޯތަކެއް ދޭނެއެވެ. މި މުއްދަތުގެތެރޭ ޒާކިރުގެ ޝޯތައް ކުރިއަށްދާނީ، އިންޑިއާގެ ވަދޮދާރާ، އަހްމަދުއާބާދު، ނިއު ދެއްލީ، ބެންގަލޫރު، ކޮލްކަތާ، ބޯޕާލް، އުދޭޕޫރު އަދި ޖޯދުޕޫރުގައެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ކޮމީޑިއަން ޒާކިރު ޚާން އަކީ އެމެރިކާގެ ނިއު ޔޯކް ޓައިމްސްގައި ހިންދީ ބަހުން ޕާފޯމް ކުރި ހަމައެކަނި އިންޑީއާގެ ކޮމީޑިއަންއެވެ.