11 Aug 2012, 13:47
"ޔުނިޓީ ތުރޫ ފުޓްސަލް” ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ހަތް ފުޓްސަލް ދަނޑު އެޅުމަށް ފެށި މަޝްރޫޢުގެ ދަށުން ހެދި ފުރަތަމަ ދަނޑު ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުވައިފި އެވެ.
“ހިޓާޗީ ފުޓްސަލް އެރީނާ” ނަމުގައި ހުޅުމާލޭގައި ހެދި މި ފުޓްސަލް ދަނޑު ހުޅުވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މުޙައްމަދު ވަޙީދުއްދީން (ޑީން) އެވެ.
މި ދަނޑު ހުޅުވުމުގެ ގޮތުން ނައިބު ރައީސް ވިދާޅުވީ، ފުޓްސަލް ދަނޑުގެ މަސައްކަތްތަކަކީ އަގުހުރި މަސައްކަތްތަކެއް ކަމަށެވެ. އަދި އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިގެންދާނީ ހަމައެކަނި ފުޓްސަލް ދަނޑުން ނޫން ކަމަށާއި، މިދަނޑުގައި ކުޅޭ ކުދިންނަކީ ތަރުބިއްޔަތުވެ މަތިވެރި އުސޫލުތަކެއް ޤަބޫލުކުރާ ހަމަތަކެއް ޤަބޫލުކުރާ ބަޔަކަށް ވެގެން ކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހިޔުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ ބައިނަލްއަޤްވާމީ ފެންވަރަށް ދިވެހިރާއްޖޭގައި ހެދި އެންމެ ފުރަތަމަ ފުޓްސަލް މިދަނޑަކީ ދަޢުލަތުގެ އެއްވެސް ޚަރަދެއް ނުގޮސް ހެދިފައިވާ ދަނޑެއް ކަމަށެވެ. އަދި ދެ މަސް ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި މިމަސައްކަތް ނިންމާލެވިފައިވަނީ ދިވެހި ސިފައިންނާއި ފުލުހުންނާއި މިމަސައްކަތަށް ދެއްވި ހާއްސަ ސަމާލުކަމެއްގެ ސަބަބުންކަމުގައި ފާހަގަކޮށް، ސިފައިންނަށާއި ފުލުހުންނަށް މިނިސްޓަރު ޝުކުރު އަދާކުރެއްވެވިއެވެ.
ރާއްޖޭގެ ޒުވާނުންގެ މެދުގައި އެންމެ ފޯރިއާއެކު ކުރިއަރަމުން އަންނަ ފުޓްސަލް، ޤައުމީ ފެންވަރުގައި ތަރައްޤީކޮށް ފުޓްސަލްގެ ހުނަރުވެރިންތަކެއް ބިނާކުރުމުގެ މަޤްޞަދުގައި އެސްޓީއޯ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ޔޫތު މިނިސްޓްރީ އާއި އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޮލިސް ސާރވިސް އިން ގުޅިގެން ފެށި މިޚާއްޞަ މަޝްރޫޢު ގައި އެފަރާތްތަކުން ސޮއިކޮށްފައިވަނީ މިއަހަރުގެ މާޗް 25 ވަނަ ދުވަހުއެވެ.