މިހާރު ކުރިއަށްދާ ދެވަނަ ރަމަޟާން ކެރަމްކަޕްގެސިންގަލްސް އަދި ޑަބަލްސް އިވެންޓުގެ ފައިނަލަށް ކުޅުންތެރިން ހޮވިއްޖެ އެވެ.

މިމުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލަށް ހޮވިފައިވަނީ ހުސެއިން ނީޝާމް އާއި ޝާފީ މުހައްމަދެވެ. ހުސެއިން ނީޝާމާއި ޝާފީ މުހައްމަދަކީ މިދިޔަ އަހަރު ބޭއްވުނު އެއްވަނަ ރަމަޟާން ކެރަމް ކަޕްގެ ފިރިހެން ސިންގަލްސްގެ ފައިނަލްގައިވެސް ވާދަކޮށްފައިވާ ދެ ކުޅުންތެރިންނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހުސެއިން ނީޝާމްއެވެ.އަންހެން ސިންގަލްސްގެ ފައިނަލަށް ހޮވިފައިވަނީ އައިމިނަތް ވިޝާމާ އާއި އައިމިނަތް ވިދާދެވެ.

މިމުބާރާތުގެ ޑަބަލްސް ފައިނަލަށް އެއްކޮޅުން ހޮވިފައިވަނީ ޝާފީ މުހައްމަދާއި މުހައްމަދު ނޫރުޝާނެވެ. ދެވަނަ ޕެއާއެއްގެ ގޮތުގައި ހޮވިފައިވަނީ ހަސަން ނާޒިމާއި ހާރިޝް ޒުހޭރުއެވެ. އަންހެން ޑަބަލްސް ފައިނަލަށް އެއްކޮޅުން ހޮވިފައިވަނީ އައިޝަތު ފައިނާޒާއި ފާތިމަތު ރަޔާނެވެ. ދެވަނަ ޕެއާ އެއްގެ ގޮތުގައި ހޮވިފައިވަނީ ފާތިމަތު ޒޫޝާނާއި މަރިޔަމް ފަރާޝާއެވެ.

އަންހެން އަދި ފިރިހެން ސިންގަލްސް އަދި ޑަބަލްސް އިވެންޓުގެ ފައިނަލްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ.

މިމުބާރާތުގައި ޖުމްލަ 58 ފިރިހެން ކުޅުންތެރިއަކާއި 22 އަންހެން ކުޅުންތެރިއަކު ވާދަކުރެއެވެ.