07 Sep 2025, 15:15
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްއަށް 3000 ޑޮލަރުގެ އެލަވަންސެއް ދޭން ނިންމީ، އެފްއޭއެމްގެ އިމަޖެންސީ ކޮމިޓީގެ ބައްދަލުވުމަކުން ކަމަށް، ބައްސާމްގެ އެކްސްކޯގައި ސީނިއާ ނައިބު ރައީސްގެ މަގާމް ފުރުއްވި، ޓީމުގެ ކުރީގެ ފިޒީޝަން އަހުމަދު ޝަކީބް މިއަދު ވިދާޅުވެއްޖެއެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ދެކޮޅަށް މިހާރު ޝަރީއަތުގައި އޮތް، ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި ޝަކީބް މިއަދު އެހެން ވިދާޅުވީ ބައްސާމްގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހެކިބަސް ދެމުންނެވެ.
އެފްއޭއެމްއަށް ފީފާ އިން ފޮނުވި ފައިސާތަކަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކަށް އިންކާރުކޮށް، ފީފާއިން ލިބުނު ފައިސާއަކީ ބައްސާމްގެ މުސާރަ ކަމަށް ވިދާޅުވެ، އެއީ ދިފާއެއްގެ ގޮތުގައި ބައްސާމްވަނީ ނަންގަވާފައެވެ.
ބައްސާމް ނެންގެވި ފައިސާއަކީ މުސާރައިގެ ގޮތުގައި އޭނާގެ ފަރާތުން ކުރިން ދިފާއު ކުރައްވާފައި އޮތުމަށް ފަހު، މިއަދު އޮތް މަޖިލީހުގައި ހެކިބަސް ދެމުން ޝަކީބް ވިދާޅުވީ، ބައްސާމަށް 3000 ޑޮލަރުގެ އެލަވަންސެއް ދޭން ނިންމީ، އެމަޖެންސީ ކޮމިޓީގެ ބައްދަލުވުމަކުން ކަމަށެވެ.
"ހަނދާންވާ ގޮތުން 2018 ވަނަ އަހަރުގެ އެމަޖެންސީ ކޮމިޓީން ބައްސާމްއަށް އެލަވަންސެއް ދޭން ނިންމިން. އެއީ ހަނދާންވާ ގޮތުން 3000 ޑޮލަރުގެ އެލަވަންސެއް ދޭން. އެކަމަކު މަހުން މަހަށް އެ އެލަވަންސް ދޭ ކަމެއް ނޭނގޭ. އެކްސްކޯގައި އެކަހަލަ ވާހަކައެއް މަޝްވަރާ ކުރި ހަނދާނެއް ނުވޭ. ދޭކަން ނުވަތަ ނޫން ކަން އެނގޭނީ ބަޖެޓް ބޭފުޅުންނަށް". ބައްސާމްވެސް ހާޒިރުވެ އިން ޝަރީއަތުގެ މަޖިލީހުގައި ޝަކީބް މިއަދު ވިދާޅުވިއެވެ.
ބައްސާމަށް އެލަވަންސް ދޭން ނިންމީ އިމަޖެންސީ ކޮމިޓީގެ ބައްދަލުވުމެއްގައި ކަމަށް ޝަކީބް ވިދާޅުވުމުން، ދައުލަތުންވަނީ އެ ވަރުގެ އިމަޖެންސީއެއް އެކަމުގައި އޮތްތޯ ވެސް ސުވާލުކޮށްފައެވެ. އެ ކޮމިޓީގައި ތިއްބެވީ ޝަކީބްގެ އިތުރުން ބައްސާމް އަދި ކުރީގެ ނައިބު ރައީސް އަލީ އުމަރު ކަމަށް ވެސް ޝަކީބް ވިދާޅުވިއެވެ. ޝަކީބް ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގެ ޔައުމިއްޔާ ބެލެހެއްޓީ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒުއެވެ. އަލީ އުމަރު އަދި ޖަވާޒު ވެސް ވަނީ ކުރިން މި މައްސަލައިގައި ހެކިބަސް ދީފައެވެ.
ޝަކީބްގެ ހެކިބަހާއެކު، މި މައްސަލައިގައި މިއަދުވަނީ ހެކިބަސް ދިނުން ނިންމާލާފައެވެ. ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަޖިލީހެއް މި މަހުގެ 23 ވަނަ ދުވަހު ބާއްވާނެ ކަމަށް ޝަރީއަތުން މިއަދު އިއުލާން ކުރިއެވެ. އަދި މި މަހުގެ 29 ވަނަ ދުވަހު، ހުލާސާ ބަޔާން އިއްވުން އޮންނާނެ ކަމަށްވެސް ޝަރިއަތުން އިއުލާން ކުރިއެވެ. އޭނގެ ފަހުން އޮންނާނީ ހުކުމް ކުރުމެވެ.
ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ، ދިގު މުއްދަތުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.