އޮގަނައިޒޭޝަން ފޯ އިސްލާމިކް ކަންޓްރީސް (އޯއައިސީ) މާއްކާގައި ބާއްވާ އިސްލާމީ ގައުމުތަކުގެ ލީޑަރުންގެ ސަމިޓަށް ވަޑައިގެން، ގެފުޅަށްގޮސް ރާއްޖެ އަށް ރަހުމަތަށް އެދި ދުޣާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އޯއައިސީގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ދަތުރުފުޅުގައި ގެފުޅަށް ވަޑައިގެން ރާއްޖެ އަށް ރަހުމަތަށް އެދި ދުޣާކުރައްވާނެ ކަމަށެވެ.

މުސްލިމް ދުނިޔޭގެ 57 ގައުމުގެ މައްޗަށް އެކުލެވޭ އޯއައިސީގެ ސަމިޓް މި މަހުގެ 14 އިން 15 އަށް މައްކާގައި ބާއްވަނީ ސައޫދީ ރަސްގެފާނު ޢަބްދުﷲ ގެ ދައުވަތަކަށެވެ. ސަމިޓަށް އެޖެންޑާ ކުރެވިފައި ވަނީ ތިން ކަމެކެވެ. އެއީ އިސްރާއީލުން ހިފާފައިވާ ޤުދްސާއި ފަލަސްތީނުގެ މައްސަލައިގެ އިތުރުން މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުންނާއި ހަރުކަށި ބުޑިސްޓް ޖަމާއަތްތަކުން ހިންގަމުންގެންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ މައްސަލައާއި ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގެ މައްސަލަ އެވެ. އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓެއް އެންމެ ފަހުން ބޭއްވީ ވެސް މާތްވެގެންވާ މައްކާގަ އެވެ. އެއީ 2005 ގައި އޭރުގެ ސައޫދީ ރަސްގެފާނު ފަހްދުގެ ދައުވަތަކަށެވެ.

ރައީސް ވަހީދު މައްކާއަށް ކުރައްވާ ދަތުރުފުޅަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެއިން ބޭރަށް ކުރައްވާ ހަތަރު ވަނަ ދަތުރުފުޅެވެ. އެންމެ ފުރުތަމަ ދަތުރުފުޅު ކުރެއްވީ އަވައްޓެރި އިންޑިއާއަށެވެ. ދެވަނައަށް ދަތުރުފުޅު ވަޑައިގެންނެވީ އިނގިރޭސީ ވިލާތަށެވެ. ތިންވައަށް ވަޑައިގެންނެވީ ބްރެޒިލްއަށެވެ.