06 Sep 2025, 18:38
ބޭރުގެ ލީގުތަކުގައި ކުޅެމުން އަންނަ ލަންކާ ގައުމީ ފުޓުބޯޅަ ޓީމު ބަލިކޮށް, ވަޅުގަނޑެއްގެ ތެރޭގައި އޮތް ދިވެހި ގައުމީ ފުޓުބޯޅަ ޓީމުން، ދިވެހި ފުޓުބޯޅައިގެ އުންމީދު އޮތްކަން މިއަދު ދައްކައިދީފިއެވެ.
ލަންކާގެ ރޭސްކޯސް ސްޓޭޑިއަމުގައި ކުޅުނު މި މެޗު ރާއްޖެ ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
ލަންކާއިން މި މެޗަށް ނިކުތީ 2002 ވަނަ އަހަރުން ފެށިގެން ލަންކާ މައްޗަށް ރާއްޖެއިން ހޯދަމުން އައި މޮޅުވުމުގެ ސިލްސިލާ ނިންމާލުމަށެވެ. ނަމަވެސް ހީކުރި ގޮތާ ޚިލާފަށް ދިވެހި ގައުމީ ޓީމު ވަނީ ހިތްވަރުކޮށް ނަތީޖާ ނެރެފައެވެ.
މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ރާއްޖެ މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ރާއްޖޭގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗެެވެ.

ރާއްޖެއާ ލަންކާ ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/ ލަންކާ ފުޓުބޯޅަ
މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ދެ ލަނޑު ޖެހިއެވެ. ފުރަތަމަ ލަނޑު ނާއިޒު ހަސަން (ދާދު) ކާމިޔާބުކުރީ އިބްރާހިމް އައިސަމް ނެގި ކޯނަރަކުންނެވެ. މި ލަނޑު އޭނާ ޖެހީ ބޮލުންނެވެ.
މި ލަނޑަށްފަހު ލަންކާއަށް ހަމަނޭވާ ނުލެވެނީސް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ ލަންކާ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެ ރާއްޖެއަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ލަންކާއަށް މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ޚާއްސަކޮށް ލަންކާގެ ސޭމް ޑުރާންޓްއަށް ލިބުނު ޕެނަލްޓީ ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވެއެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރާއްޖޭގެ ތިން ވަނަ ލަނޑު ޖެހީ އަލީ ފާސިރު (ސެންޓޭ)އެވެ. މި ލަނޑު ސެންޓޭ ޖެހީ ބަދަލަކަށް ކުޅެން އެރި 16 އަހަރުގެ މުހައްމަދު އިލާން އިމްރާން ދިން ބޯޅައަކުންނެވެ.
ރާއްޖެއާ ލަންކާ ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހު ނުވަ ވަަނަ ދުވަހުއެވެ. މި މެޗުން ރާއްޖެ ތިން ލަނޑުގެ ފަރަގަކުން ބަލިނުވެއްޖެނަމަ ރާއްޖެއަށް ސުޕަ ކަޕްގެ ޗެމްޕިއަންކަން ލިބޭނެއެވެ.