11 Aug 2012, 13:30
ހަމަނުޖެހުން ބޮޑުވެ، ދެ ވަނަ ފަހަރަށް އެފްއޭއެމް އިންތިހާބު ނުބޭއްވިދިއުމުން ދިވެހި ފުޓްބޯޅަ އަށް އެކަމުގެ ގެއްލުންވާނެ ކަމަށް ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ "މިއަދަކީ އަނެއްކާ ވެސް ދިވެހި ފުޓްބޯޅަ އަށް ކުރިމަތިވި ދެރަ ދުވަހެއް،" ކަމަށެވެ.
"އިންތިހާބު ފަސްކުރީ އެކަމަށް އެކަށީގެންވާ މާހައުލެއް ނެތުމުން. މީގެ ސަބަބުން ފުޓްބޯޅަ އަށް ގެއްލުންވާނެ. ފީފާ އަދި އޭއެފްސީގެ އޮފިޝަލުންނާއެކު އެފްއޭއެމްގެ އެކްސްކޯ އާއި ފުޓްބޯޅައިގައި ޝާމިލްވާ ފަރާތްތަކާއެކު ރޭ ވެސް އިންތިހާބު އޮމާންކޮށް ގެންދެވޭތޯ މަޝްވަރާތަކެއް ކުރެވުނު. ނަމަވެސް އަނެއްކާ ވެސް ގޯސްކޮށްމިދިޔައީ،" އާޒިމް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މިއަދު އިންތިހާބު ބާއްވަން ހުރަސްއެޅި މެމްބަރުންގެ މައްސަލަ ޑިސިޕްލިންރީ ކޮމިޓީ އަށް ފޮނުވާނެ ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެން ފިޔަވަޅު މީގެ ކުރިން އެޅީ ފާސްނެތި އެތަނަށް ވަން ފަރާތްތަކާމެދު. އެހެންވީމަ އެކަމަށް ވިސްނާނެ. ފޮނުވާން ޑިސިޕްލިނަރީ ކޮމިޓީ އަށް،" އާޒިމް ވިދާޅުވި އެވެ.