ތިން ވަނަ ޑިވިޝަނުގެ ޓީމުތަކުން ހުރަސް އެޅުމުން އެފްއޭއެމް އިންތިޚާބު ދެ ވަނަ ފަހަރަށް ފަސްކޮށްފި އެވެ.

އެފްއޭއެމް ހަައުސްގައި މިއަދު ހެނދުނު 9:30ގައި ތިން ވަނަ ޑިވިޝަނުގެ ވޯޓުލުން ފަށަން އުޅުމާއެކު އެކުލްބުތަކުން އިންތިބާހަށް ހުރަސް އެޅީ ދެ ވަނަ ޑިވިޝަނުގެ ޔުނައިޓެޑް ވިކްޓަރީ އިންތިހާބުގައި ބައިވެރިނުވާން ނިންމި ނިންމުން ފީފާއިން ރޭ ގަބޫލު ކުރުމުންނެވެ.

އިންތިހާބީ ހޯލުގެ މަސްލަހަތު ގެއްލުމުން ނޫސްވެރިން ނެރުމަށް ފަހު ފީފާ އާއި އޭއެފްސީ އަދި އެފްއޭއެމާއި ތިން ވަނަ ޑިވިޝަނުގެ ކުލަބުތަކާއެކު ވަރަށް ހޫނު ޒުވާބުތަކެއްް ކުރިއަށްދިޔަ އެވެ.

އެކްސްކޯ އަށް ކުރިމަތިލައިފައިވާ ނިއުގެ ކުރީގެ މެނޭޖަރު އަހުމަދު ނިޔާޒް އާއި އަލީ ޝަމީމް (ކޮޔަރު އައްޔަ) އަދި އެފްއޭއެމުގެ އެކްސްކޯ މެމްބަރު މާދިހު އިސްމާއީލް ތިން ކަމެއް ފާހަގަކޮށް އަޑުގަދަކުރަމުން ދިޔަ އެވެ.

އެއީ ޔުނައިޓެޑް ވިކްޓަރީގެ ވޯޓުނުލާން އެކުލަބުގެ ބޯޑުން ނިންމި ނިންމުން ގަބޫލު ކުރުމާއި ޔުނައިޓެޑް ވިކްޓަރީގެ ވޯޓުލާން ރަޖިސްޓްރީކުރި ފަރާތް މާލޭގައި ނެތީސް ފޯނުން އެކަނި ވާހަކަ ދައްކައިގެން މަޝްވަރާކުރުމެވެ. ތިނަ ވަނަ ކަމަކީ މިދިޔަ ޖުލައި މަހު 18ގައި ބާއްވަން އުޅުނު އިންތިހާބުގައި ފާސްނެތި ހޯލަށްވަން މައްސަލާގައި ދެ އަހަރަށް ސަސްޕެންޑްކޮށްފައި ހުރި ވީބީގެ މުހައްމަދު ޝަވީދާ ފީފާގެ އޮފިޝަލުން ރޭ ބައްދަލުކުރުމެވެ. ނިޔާ މެން ބުނަމުންދިޔައީ އެހެން ކުލަބުތަކަށް ވެސް އެފުރުސަތު އޮންނަންވާނެ ކަމަށެވެ. އަދި ޔުނައިޓެޑް ވިކްޓަރީން ވޯޓުލާ ފަރާތާ ރޭ ފޯނުން ވާހަކަ ދެއްކިއިރު ބަޔަކު ތިބީ އޭނާ ހައިޖެކްކޮށްގެން ކަމަށެވެ.

ނަމަވެސް ފީފާގެ މަންދޫބު ޕްރިމޯ ކްރޮވްރޯ ބުނީ ޔުނައިޓެޑް ވިކްޓަރީގެ ވޯޓު ނުލާން ނިންމީ އެކުލަބުގެ ބޯޑުން ކަމަށާއި އެއީ ފީފާގެ ނިންމުމެއް ނޫން ކަމަށެވެ. އޭނާ އަދި ބުނީ ޔުނައިޓެޑް ވިކްޓަރީން ވޯޓުނުލާން ނިންމުމުން ތިން ވަނަ ޑިވިޝަނުގެ ކުލަބުތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރާ ސަބަބު ނުވިސްނޭ ކަމަށެވެ.

އޭނާ އަދި ބުނީ އެފްއޭއެމްގެ އިންތިހާބުގެ މައްސަލަ ދެން ނިންމީ ފީފާއިން ކަމަށާއި ފަހަރުގައި އިންޓަރިމް ކޮމިޓީއަކުން އިންތިހާބު ބާއްވަން ވެސް ނިންމަފާނެ ކަމަށެވެ.

"އަހަރުމެންގެ ކަމަކީ ރިޕޯޓްކުރުން. އިންތިހާބު ނުބޭއްވި ފޭލްވި ދެ ވަނަ ފަހަރު މިއީ. އަދިވެސް މައްސަލަތަކެއް ހައްލެއްނުފެނޭ. ފީފާއިން ދެން ގޮތެއްް ނިންމާނީ،" އިންތިހާބަށް މިދިޔއ ޖުލައި މަހު ވެސް މާލެ ވަޑައިގެންނެވި ޕްރިމޯ ވިދާޅުވި އެވެ.

އޭނާ ބައްދަލުކުރީ ކޮންކޮން ބަޔަކާތޯ ނޫސްވެރިން ސުވާލުކުރުމުން ޕްރިމޯ ވިދާޅުވީ އޭނާ ބައްދަލުކުރީ "ފުޓްބޯޅައިގެ ސްކޭޓްހޯލްޑަރުންނާ،" ކަމަށާއި ބޭނުމަކީ އިންތިހާބު އަމާންކޮށް ބާއްވާނެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށެވެ.

ފަހުން އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވިދާޅުވީ ސްޓޭކް ހޯލްޑަރުން ކަމަށް ޕްރިމޯ ބުނާ ފަރާތަކީ ފުޓްބޯޅައިގައި އަމަލީގޮތުން ހަރަކާތްތެރިވާ ފަރާތްތައް ކަމަށެވެ.