އިންޑިއާގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ ދެކޮޅަށް ފިލްމު "ލަވް އެންޑް ވޯ"ގެ ލައިން ޕްރޮޑިއުސަރަކު ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.

ސަންޖޭއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ ރާޖަސްތާނުގައި ކުރިއަށްގެންދިޔަ ފިލްމު ސެޓުގެ ލައިން މެނޭޖަރު ޕްރަތީކް ތާޖް މާތުރުއެވެ.

ޕްރަތީކް ވަނީ ސަންޖޭގެ އިތުރުން ޑައިރެކްޓަރުގެ ޓީމުގެ އިތުރު ދެ މެމްބަރެއްގެ މައްސަލަ ވެސް ރާޖަސްތާނުގެ ފުލުހުންނަށް ހުށަހަޅާފައެވެ. ޕްރަތީކް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ފިލްމު "ލަވް އެންޑް ވޯ"ގެ ލައިން ޕްރޮޑިއުސަރެއްގެ އޭނާ ހަމަޖެއްސުމަށްފަހު އެ ވަޒީފާގެ ކޮންޓްރެކްޓް ވެސް އޭނާއާ ހަވާލުކުރި ކަމަށެވެ.

ސަންޖޭގެ ފިލްމު "ލަވް އެންޑް ވޯ"ގެ ލީޑް ތަރިން ކަމަށްވާ އާލިއާ ބަޓް، ރަންބީރު ކަޕޫރު އަދި ވިކީ ކޯޝަލް--ފޮޓޯ/ފިލްމުފެއަ

އެހެންނަމަވެސް ސަންޖޭ އާއި އެ ފިލްމުގެ އިތުރު ދެ ޕްރޮޑިއުސަރަކު ވަނީ ފަހުން ޕްރަތީކްގެ ކޮންޓްރެކްޓް ބާތިލުކޮށް ވަޒީފާއިން ވަކިކޮށްފައި ކަމަށާއި ވަކިކުރިއިރު އޭނާ ކުރި މަސައްކަތަށް ދޭންޖެހޭ ފައިސާ ވެސް ނުދޭކަމަށް ޕްރަތީކް ވަނީ ބުނެފައެވެ.

ރާޖަސްތާނުގައި ފިލްމުގެ ޝޫޓިންގް ކުރިއަށްދިޔަ ދުވަސްވަރު ޕްރަތީކް ވަނީ ލައިން މެނޭޖަރެއްގެ ހައިސިއްޔަތުން ވަރަށް ގިނަ ޒިންމާތަކާ ހަވާލުވެ މަސައްކަތްކޮށްފައި ކަމަށާއި އެންގުމެއް ނެތި އޭނާގެ ކޮންޓްރެކްޓް ބާތިލުކުރުމަކީ ވަރަށް ދަށް ފެންވަރުގެ އަމަލެއްގެ ގޮތުގައި ޕްރަތީކް ވަނީ ސިފަކޮށްފައެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅުމުގެ ކުރިން ޕްރަތީކް ސަންޖޭގެ ޓީމުން މަޑުކޮށްލައިގެން ތިބި ހޮޓަލަށް ވެސް ދިޔަ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެ ޓީމުގެ މެމްބަރުން ޕްރަތީކްއާ މެދު ކަންތައް ކުރީ ވަރަށް އިހާނެތިކޮށް ކަމަށާއި ޕްރަތީކްގެ އިހުތިރާމު ގެއްލޭގޮތަށް އެންމެންގެތެރޭ ވަރަށް ބޭއަދަބީ ބަހުން ވާހަކަ ދެއްކި ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން ސަންޖޭގެ ޓީމުން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވާއިރު ސަންޖޭ ކަހަލަ ގިނަ ބަޔަކު ބަލައިގަންނަ ފިލްމު ޕްރޮޑަކްޝަން ކުންފުންޏަކުން މުވައްޒަފުންނާ މެދު އަމަލުކުރާ ގޮތާ މެދު ސުވާލު އުފެދޭ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައެވެ.