އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު އަޝިޝް ކަޕޫރު ރޭޕް މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ހިންދުސްތާން ޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އަޝިޝް ކަޕޫރު ހައްޔަރުކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ ދެވަނަ ހަފްތާތެރޭ އިންޑިއާގެ ނިއު ދިއްލީގައި އޮތް ޕާޓީ ހަފްލާއެއްގެތެރޭ އަންހެނަކަށް ޖިންސީ ގޯނާކޮށް ގަދަކަމުން އޭނާ ރޭޕްކުރަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

ނިއު ދިއްލީގެ ސިވިލް ލައިންސް ޕޮލިސް ސްޓޭޝަންގައި ރަޖިސްޓްރީކޮށްފައިވާ މި މައްސަލައިގައި އަންހެންމީހާ ބުނެފައި ވަނީ، އަޝިޝް އޭނާއާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތްކުރީ އެ ހަފްލާ ކުރިއަށްދިޔަ ތަނުގެ ފާހާނާ ތެރޭގައި ކަމަށެވެ.

ޓީވީ އެކްޓަރު އަޝިޝް ކަޕޫރު އަދި ޑްރާމާ ސީރީސް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގެ ބަތަލާ ހީނާ ޚާން--ފޮޓޯ/ހިންދުންސްތާންޓައިމްސް

މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާ އެކު އަޝިޝް ހޯދުމުގެ މަސައްކަތް ފުލުހުން ދިޔައީ ކުރަމުންނެވެ. އެގޮތުން އެކްޓަރުގެ ހަރަކާތްތަކަށް ފާރަލުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އިންޑިއާގެ ޕޫނޭއިންނެވެ.

އެ އަންހެން މީހާ ފުލުހުންނަށް ދިން ފުރަތަމަ ބަޔާނުގައި ބުނެފައި ވަނީ އަޝިޝްއާ އެކު އިތުރު އެހެން ބަޔަކު ވެސް އޭނާ ރޭޕްކުރުމުގެ އަމަލު ހިންގުމުގައި ބައިވެރިވި ކަމަށެވެ. ނަމަވެސް ފަހުން އެ އަންހެންމީހާ ވަނީ ބަޔާން ބަދަލުކޮށް ރޭޕްގެ ތުހުމަތު ހަމައެކަނި އެކްޓަރު އަޝިޝްގެ މައްޗަށް ކޮށްފައެވެ.

އަޝިޝް މިހާތަނަށް ފެނިފައިވާ ސީރީސްތަކުގެތެރޭ، "ލަވް މެރިޖް ޔާ އެރޭންޖްޑް މެރިޖް"، "ޗާންދު ޗުޕާ ބާދަލް މޭ"، "ވޯ އަޕްނާ ސާ" އަދި "ބަންދިނީ" ހިމެނެއެވެ. މި މައްސަލައާ ގުޅިގެން އަޝިޝްގެ ޓީމުގެ ފަރާތުން މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެއެވެ.