11 Aug 2012, 11:55
ވޮޝިންގްޓަން (އޮގަސްޓް 11): އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މިޓް ރޮމްނީ އޭނާގެ ރަނިންމޭޓަކަށް (ނައިބު ރައީސަކަށް) ޕޯލް ރިޔާން އިޚްތިޔާރު ކުރައްވައިފި ކަމަށް ޚަބަރު ލިބިއްޖެ އެވެ.
ރިޔާން އަކީ ކޮންގްރެސްގައި ޖުމްހޫރީ ޕާޓީ ތަމްސީލްކުރައްވާ މެންބަރެކެވެ. ރޮމްނީ އޭނާގެ ރަނިންމޭޓަކަށް ޕޯލް ހަމަޖެއްސިކަން ރަސްމީގޮތެއްގައި އަދި ހާމަކުރައްވާފައެއް ނުވެ އެވެ. މިކަން އިޢްލާންކުރުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ ހަނގުރާމައިގެ މަނަވަރެއް ކަމަށްވާ ޔޫއެސްއެސް ވިސްކޮންސިންގައި މިއަދުގެ ވަގުތެއްގައި މިކަމަށް ޓަކައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި ކަމަށް ރޮމްނީގެ ކޭންޕޭން އޮފީހުން ބުނެ އެވެ. މިރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެސްއެސް ވިސްކޮންސިން މިހާރު ބަނދަރުކޮށްފައިވާ ވާޖީނިޔާގެ ޢަސްކަރީ ބަނދަރުގަ އެވެ.
އަންނަ ނޮވެމްބަރު މަހުގެ 6ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ ރޭހުގައި މިހާރުގެ ރައީސް ބަރަކް އޮބާމާއާ ވާދަކުރައްވާނީ ރޮމްނީ އެވެ. އޮބާމާގެ ރަނިންމޭޓަކީ އެމެރިކާގެ މިހާރުގެ ނައިބު ރައީސް ޖޯ ބައިޑެން އެވެ. ރަނިންމޭޓްގެ ނަން އިޢްލާންކުރެއްވުމަށް ފަހު ރޮމްނީއާއި ޕޯލް، އެދެބޭފުޅުންގެ އަނބިކަނބަލުންނާއި ކެމްޕޭންގެ އިސް މަސްއޫލުވެރިންނާ އެކު އާންމުންގެ ތާއީދު ހޯއްދެވުމުގެ ބުރެއްގައި ހަތަރު ދުވަހުގެ ބަސްދަތުރެއްގައި އެމެރިކާގެ ބޮޑެތި ބައެއް ސްޓޭޓްތަކަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
ބޮޑާކަމާއި އަބުއިގޮތްތަކެއް ގެންގުޅުއްވާ ކަމަށް ތުހުމަތު ކުރެވިފައިވާ ރޮމްނީގެ މައްޗަށް ވަނީ އެމެރިކާގެ ޢާންމު ރައްޔިތުންނާއި ގުޅުންކުޑަކަމުގެ ތުހުމަތު ވެސް ކުރެވިފަ އެވެ. މިއީ ރޮމްނީގެ ވަރަށް ބޮޑު ބަލިފައެއް ކަމަށް ތަޖްރިބާކާރުން ސިފަކުރެއެވެ. ރޮމްނީގެ މިދަތުރުގެ ބޭނުމަކީ ބޮޑާނޫން އަދި އާންމުރައްޔިތުންނާ ގާތްބޭފުޅެއްކަން ދެއްކެވުންކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އެމެރިކާގެ މަތީ ފެންވަރުގެ މަހުޖަނެއްގެ ދަރިއެއް ކަމަށްވާ މިޓް ރޮމްނީއަކީ އެމެރިކާގެ މުދަލާއި ފައިސާގެ ބޮޑުބައި ކޮންޓްރޯލްކުރާ މަދު ޢަދަދެއްގެ އެލީޓުންނަށް ނިސްބަތްވާ ބޭފުޅެކެވެ. (ނޫސްއެޖެންސީތައް)