11 Aug 2012, 11:30
ބެންގާޒީ (އޮގަސްޓް 11): ލީބިޔާގެ ދިފާޢީ ވުޒާރާގައި މަސައްކަތް ކުރައްވާ އިސްޖެނެރަލެއް ކަމަށްވާ ޖެނެރަލް މުޙައްމަދު އަލްފިތޫރީ އެ ޤައުމުގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ބެންޣާޒީގައި އަވަހާރަކޮށްލައިފި އެވެ.
ފިތޫރީ އަވަހާރަކޮށްލާފައި ވަނީ އިއްޔެގެ ހުކުރު ނަމާދަށް ވަޑައިގެން ހުކުރުން ފާބައިގެން ގެއަށް ވަޑައިގަތް މަގުމަތީގައި ގޮތްނޭނގޭ ބަޔަކު ދިން ބަޑީގެ ޙަމަލާތަކެއްގައި ކަމަށް ލީބިޔާ ސަރުކާރުން ބުނެ އެވެ. ފިތޫރީ އަވަހާރަކޮށްލީ ކާރެއްގައި ދަތުރުކުރަމުން ދިޔަ ހަތިޔާރުއަޅައިގެން ތިބި ބަޔަކު އޭނާގެ ކުރިމައްޗަށްވާ ގޮތަށް ކާރުމަޑުކޮށްލުމަށް ފަހު އޭނާގެ ހަށިކޮޅަށް ބަޑީގެ ވަރުގަދަ ޙަމަލާތަކެއްދީގެން ކަމަށާއި އެ ޖަރީމާ ހިންގުމަށް ފަހު ހަތިޔާރުއެޅި މީހުން ފިލާފައިވާ ކަމަށް ވެސް ލީބިޔާ ސަރުކާރުން ބުނެ އެވެ.
ޖެނެރަލް ފިތޫރީއަކީ ގައްޒާފީގެ ވެރިކަމުގައި ލީބިޔާ ސިފައިންގެ އިސް ޖެނެރަލެއްގެ ގޮތުގައި ސިފައިންގެ މުއައްސަސާއަށް ދިގު މުއްދަތަކަށް ޚިދްމަތްކުރަައްވާފައިވާ ބޭފުޅެކެވެ. ނަމަވެސް އޭނާ ވަނީ ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން އުތުރިއެރުމުން ގައްޒާފީގެ ސަރުކާރު ދޫކުރައްވައި ރައްޔިތުންނާ ބައިވެރިވެވަޑައިގެން ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ކުރި ހަނގުރާމައިގާ އިސް ކޮމާންޑަރެއްގެ ދައުރު އަދާކުރައްވާފަ އެވެ.
ލީބިޔާގެ އިތުރުން ރަޝިޔާގައި ޢަސްކަރީ ތަޢްލީމް ޙާސިލްކުރައްވާފައިވާ ޖެނެރަލް ފިތޫރީއަކީ ލީބިޔާގެ ދިފާއީ ވުޒާރާގައި ހަތިޔާރުގެ ކަންތައްތަކާ ބެހޭ ޑިޕާޓްމަންޓްގެ ވެރިޔާ އެވެ. ފިތޫރީ އަވަހާރަކޮށްލާފައި މިވަނީ ލީބިޔާގައި ވަގުތީ ގޮތުން ވެރިކަންކުރަމުން ގެންދިޔަ އިންތިޤާލީ މަޖިލީހުން ވެރިކަމުގެ ބާރުތައް ރައްޔިތުން އިންތިޚާބު ކުރި ލީބިޔާގެ އިންތިޤާލީ ޕާލަމެންޓާ ޙަވާލުކުރިތާ އެއް ދުވަހުގެ ތެރޭގަ އެވެ. ލީބިޔާގެ މިހާރުގެ ރައީސަކީ ޕާލަމެންޓްގެ ރައީސް ޑރ. މުޙައްމަދުއަލްމިޤަރީފް އެވެ. ބޮޑުވަޒީރަކު ޢައްޔަންކުރުމަށް ހަމަޖެހިފައި ވަނީ ޕާލަމެންޓްގައި އެންމެ އަޣްލަބިއްޔަތު ބޮޑު ޕާޓީ ނުވަތަ ކޯލިޝަނެއްގެ ވެރިއަކާ އެވެ.
ލީބިޔާގައި މިގޮތަށް އިންތިޤާލީ ވެރިކަންކުރުމަށް ހަމަޖެހިފައި ވަނީ ދޮޅު އަހަރުގެ މުއްދަތަށެވެ. އެއީ ފުރިހަމަ ބަރްލަމާނީ ނިޒާމެއް ޤާއިމްކުރެވެންދެނެވެ. ގައްޒާފީ ލީބިޔާގައި 40 އަހަރު ވެރިކަން ކުރައްވާފައި ވާތީ ލިބިޔާގައި ތިބި ތަޢްލީމީ މީހުންނަކީ ވެސް އަދި ތަޖްރިބާކާރުންނަކީ ވެސް އޭނާގެ ދުވަސްވަރު ތަޢްލީމާއި ތަޖްރިބާ ޙާސިލްކުރައްވައިގެން ތިއްބެވި ބޭފުޅުންނެވެ. ނަމަވެސް ގައްޒާފީގެ ސަރުކާރުގައި ޚިދްމަތްކުރެއްވި ކަމަށް ބުނެ ލީބިޔާގެ ހަތިޔާރު އެޅި ހަރުކަށި ޖަމާއަތްތަކުން ގެންދަނީ އެޤައުމުގެ އިސްޖެނެރަލުންނާއި ތަޖްރިބާކާރު ފަރާތްތައް މެރުމަށް ބަޑީގެ ޙަމަލާތައް ދެމުންނެވެ.
މިފަދަ ޙަމަލާތަކުގައި ލީބިޔާގެ އިސް ތިން ޖެނަރަލު މިހާތަނަށް ވަނީ އަވަހާރަކޮށްލާފަ އެވެ. ގައްޒާފީގެ ވެރިކަން ވެއްޓުމަށް ފަހު ލީބިޔާއަށް ކުރިމަތިވެފައިވާ އެންމެބޮޑު ބިރުވެރިކަމަކީ އާންމު ރައްޔިތުންގެ އަތްމަތީގައާއި އެކި ފިކުރުގެ ޖަމާއަތްތަކުގެ އަތްމަތީގައި ގިނަ ޢަދަދަކަށް ހަތިޔާރު ހުރުމެވެ. ޒުވާނުންގެ މިފަދަ ގްރޫޕްތަކުން ގެންދަނީ އިންސާފުޤާއިމްކުރާ ކަމަށް ބުނެ އެމީހުންނަށް ފެންނަ ބަޔަކަށް ހަމަލާދީ ބަދަލުހިފުމުގެ ގޮތުން މީހުން މެރުމާއި ފިތްނައިގެ ވަރު ގަދަ ޖަރީމާތަކެއް ހިންގަމުންނެވެ. (ބީ.ބީސީ)