04 Sep 2025, 14:47
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނައި ޗެޓްޖީޕީޓީ އުފެއްދި ކުންފުނި، އޯޕަންއޭއައި އިން، އެ ޕްލެޓްފޯމަށް ބެލެނިވެރިންނަށް ކޮންޓްރޯލް ކުރެވޭނެ ފީޗާތަކެއް ތައާރަފްކުރަން ނިންމައިފިއެވެ.
މި ފިޔަވަޅު އަޅަން ނިންމާފައިވަނީ، ޗެޓްޖީޕީޓީގެ ޖަވާބުތަކުގެ ސަބަބުން އަމިއްލައަށް މަރުވުމާއި އެހެނިހެން ނުރައްކާތެރި ކަންކަމަށް ހިތްވަރު ލިބުނު ކަމަށް ރިޕޯޓްކުރެވިފައިވާ ބައެއް ހާދިސާތަކާ ގުޅިގެން ކަމަށް ބެލެވެއެވެ.
އޯޕަންއޭއައި އިން ބުނީ، އެ ކުންފުނިން ތައާރަފްކުރަން ހަމަޖެހިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތަފްސީލުތައް ކުރިއަށް އޮތް 120 ދުވަހުގެ ތެރޭގައި ކުރިއާލައި ހާމަކުރާނެ ކަމަށެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު ތައާރަފްކުރާ "ޕޭރެންޓަލް ކޮންޓްރޯލް" ގެ ދަށުން ބެލެނިވެރިންނަށް އެ މީހުންގެ ފުރާވަރުގެ ނުވަތަ އެއަށްވުރެ ހަގު އުމުރުގެ ދަރިފުޅުގެ އެކައުންޓާއި އެ މީހުންގެ އެކައުންޓް ގުޅުވާލެވޭނެއެވެ.
މީގެ އިތުރުން، ޒުވާނުންނަށް ޚާއްސަކޮށްފައިވާ ސުލޫކީ ގަވާއިދުތައް ހެދުމާއި، 'މެމޮރީ' އާއި 'ޗެޓް ހިސްޓްރީ' ފަދަ ފީޗާތައް ނިއްވާލުމުގެ އިޚްތިޔާރުވެސް ލިބިގެންދާނެއެވެ. އަދި ދަރިފުޅުގެ އެކައުންޓުން އެއްވެސް ކަހަލަ ހާސްކަމެއް ނުވަތަ ނުރައްކާތެރިކަމެއް ފާހަގަކުރެވިއްޖެނަމަ، ބެލެނިވެރިންނަށް އެލާޓެއް ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ.
އޯޕަންއޭއައިއިން ބުނިގޮތުގައި، މި ކޮންޓްރޯލްތައް ފަރުމާކޮށްފައިވަނީ ބެލެނިވެރިންނާއި ދަރިންގެ ދެމެދުގައި އޮންނަ އިތުބާރު ދެމެހެއްޓޭނެ ގޮތަށް، ތަޖުރިބާކާރުންގެ ލަފަޔާއެކުއެވެ. އެ ކުންފުނިން 13 އަހަރުން ދަށުގެ ކުދިން ޗެޓްޖީޕީޓީ ބޭނުންކުރުމަށް ލަފާނުދޭއިރު، އޭއައި އިން އުފައްދާ ކޮންޓެންޓްގެ ސައްޙަކަން ކަށަވަރުކުރާ ކޮޕީލީކްސްގެ ކޯފައުންޑާ އަލޯން ޔާމިން ވަނީ، މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ޒިންމާދާރު އޭއައިގެ ޚިދުމަތަކަށް މުހިންމު މިސާލެއް ކަމަށް ވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޓެކްނޮލޮޖީގެ ކުރިއެރުމެކޭ އެއްފަދައިން އިންސާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ ވެސް ކުންފުނިތަކުގެ އަސާސީ ޒިންމާއަކަށް ވާންޖެހޭނެއެވެ.
ޕޭރެންޓަލް ކޮންޓްރޯލްގެ އިތުރުން، ޗެޓްޖީޕީޓީގައި ދެކެވޭ ނާޒުކު ވާހަކަތަކަށް ޖަވާބުދޭނެ ގޮތްވެސް އޯޕަންއޭއައި އިން ދަނީ ބަދަލުކުރަމުންނެވެ. ނަފްސާނީ މައްސަލަތަކާއި ޖަޒުބާތީ ގޮތުން އުނދަގޫ މައުޟޫތަކާ ގުޅޭ ވާހަކަތައް، ކައިރި މުސްތަގުބަލެއްގައި އޭގެ އަމިއްލަ އިޚްތިޔާރުގައި، އިތުރަށް ވިސްނުންތެރި "ރީޒަނިންގ މޮޑެލް" ތަކަށް ފޮނުވާނެއެވެ.
ޖީޕީޓީ-5-ތިންކިން ފަދަ މި ރީޒަނިން މޮޑެލްތަކަކީ، ޔޫޒަރުގެ މެސެޖް ޕްރޮސެސްކުރުމަށް އިތުރު ވަގުތު ހޭދަކޮށް، ޖަވާބުދިނުމުގެ ކުރިން އިތުރު މައުލޫމާތާއި ސޯސްތައް ބަލައި، އިތުރަށް ފުންކޮށް ވިސްނުމަށް ފަހު ޖަވާބުދިނުމަށް ފަރުމާކޮށްފައިވާ މޮޑެލްތަކެކެވެ.
އޯޕަންއޭއައި އިން ސިއްޙަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ނިންމާ ނިންމުންތަކަށް ލަފާދެނީ "އެކްސްޕާޓް ކައުންސިލް އޮން ވެލް-ބީއިން އެންޑް އޭއައި" އަދި "ގްލޯބަލް ފިޒިޝަން ނެޓްވޯކް" ފަދަ ބައިނަލްއަޤްވާމީ ފެންވަރުގެ ތަޖުރިބާކާރުންގެ ޖަމިއްޔާތަކުންނެވެ. ފަސްދޮޅަސް ޤައުމެއްގެ 250 ޑޮކްޓަރުން ހިމެނޭ މި ނެޓްވޯކުން މިހާރުވެސް ވަނީ ޗެޓްޖީޕީޓީ ނަފްސާނީ ސިއްޙަތާ ގުޅޭ ވާހަކަތަކަށް ޖަވާބުދޭނެ ގޮތް ރަނގަޅުކުރުމަށް އެހީތެރިވެދީފައެވެ.