ރައީސް ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ކޮރަޕްޝަންގެ އެތަކެއް އަމަލުތަކެއް ފެނިގެން ދިޔަ ކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމެއް އެމަނިކުފާނު ބެލިޔަ ނުދެއްވި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަރުކާރުގެ ބައިވެރިން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން ބައެއް ކަންކަން މަޖިލީހުގެ ކޮމެޓީތަކުގައި ވެސް އެބަހުރި ކަމަށާއި ނަމަވެސް އެއިން އެއްވެސް މައްސަލައެއް ބެލުމުގެ ފުރުސަތެއް ލިބިފައިނުވާ ކަމަށެވެ.

"މި މިދިޔަ ތިން އަހަރު ތެރޭގައި މިފެނުނީ ކޮރަޕްޝަން އެތަން މިތަނުން. މިއިން އެއްވެސް ކޮރަޕްޝަންގެ މައްސަލައެއް ބެލިޔަކަ ނުދޭ. ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގައި މިހިރީ ރައީސް ނަޝީދާއި ރައީސް ނަޝީދުގެ އައުވާނުން ކުރައްވާފައި ހުރި ބައެއް ކަންތައްތަކުގެ މިސާލުތައް. މިއިން އެއްވެސް މައްސަލައެއް ބެލިޔަދޭކަށް ... ކެތެއް ނުކުރެވޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ކޮށްފައިވަނިކޮށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކޮރަޕްޝަން ހިންގާފައި ވަނީ ރައީސް މައުމޫންގެ ސަރުކާރުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް މައުމޫންގެ ސަރުކާރުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެެވޭ ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން އޭރު ސަރުކާރުގައި އުޅުއްވި ބައެއް ބޭފުޅުންގެ މައްޗަށް ދައުވާ ކުރި ނަމަވެސް އެއިން އެއްވެސް މައްސަލައެއް ޝަރީއަތަށް ސާބިތުވެފައެއް ނުވެ އެވެ.

ކުރީގެ ރައީސް މައުމޫން އަަބްދުލްގައްޔޫމުގެ ސަރުކާރާއި ރައީސް ނަޝީދުގެ ސަރުކާރުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އަމަލުތަކުގެ ތަހުގީގު ނިންމައި ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސެކއިުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ. އަދި އެ އޮފީހުން ވަނީ އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދައުވާ ވެސްކޮށްފަ އެވެ.

ޔާމީން ވިދާޅުވީ ރައީސް މައުމޫން 1978 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ގައުމީ ފުދުންތެރިކަން ހުރީ ބޮލަކަށް 170 ޑޮލަރާއި 190 ޑޮލަރުގެ ރޭޓުން ކަމަށް ވިއަސް، އެ ސަރުކާރު 2008 ވަނަ އަހަރު ނިމިގެން ދިޔަ އިރު ބޮލަކަށް ޖެހުނު ވަރު 3500 ޑޮލަރަށް މަތިވި ކަމަށެވެ.

"އޭރު އޮތް 30 އަހަރުގެ ސަރުކާރު ނިމިގެން ދިޔަ އިރު ގައުމީ އުފެއްދުންތެރިކަން ބޮލަކަށް ޖެހޭވަރު 3500 އެމެރިކާ ޑޮލަރަށް އަރައިގެން ހިނގައްޖެ. ގާއިމު ރާއްޖޭގެ އެތަން މިތަނުގައި އެހެރީ ބަނދަރުތައް ހެދިފައި. ވައިގެ ބަނދަރުތައް އެހެރީ ހެދިފައި. ގާއިމު ރާއްޖޭގެ އެތަން މިތަނުގައި އެހެރީ ރިސޯޓުތައް ހެދިފައި. ދުނިޔޭގައި ނެތް އެއްވެސް ގައުމެއް ދިވެހި ރާއްޖެ ނޭނގޭ. ދުނިޔޭގެ އެއްވެސް ގައުމެއް ނެތް ރާއްޖޭގެ ޑިމޮކްރެސީ ހޯދަން ކުރި މަސައްކަތާއި ޖިހާދު ނޭނގޭ. ދުނިޔޭގެ ޗާޓްގައި ރާއްޖޭގެ ނަން އެހެރީ ރަން އަކުރުން ވިދާލާފައި. އެހެންވީމާ 30 އަހަރުގެ ތެރޭގައި ކަންތައްތަކެއް ކުރެވިއްޖެ،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ކުރެވުނު ކަމަކަށް ފަޚުރުވެރިކަމާ އެކީ ބުނެވެން އޮތީ ކަނޑުއަޑީގައި ކެބިނެޓްގެ ޖަލްސާއެއްް ބޭއްވުން އެކަނި ކަމަށެވެ. އަދި ތިމާވެށީގެ ގޮތުން ވެސް އެމަނިކުފާނަށް ކުރެވުނު ހަމައެކަނި ކަމަކީ އެއީ ކަމަށް ވިދާޅުވެ ޔާމީން ވަނީ ތިން އަހަރު ވެރިކަން ކުރައްވާފައިވާ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރާއްޖޭގައި މާރާމާރީތައް އިތުރުވަމުން މިދަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ އަމަލުތައް ބެހެއްޓެވި ގޮތެއްގެ ސަބަބުން ކަމަށް ޔާމީން ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ މާރާމާރީތައް އިތުރުވަމުން މިދަނީ ތަފާތު އެކި ކުށްތަކުގައި ޖަލަށްލާފައި ތިބި އެތައް ސަތޭކަ ބަޔަކު ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލުމުގެ ސަބަބުން ކަމަށެވެ. އަދި އެފަދަ ކަންތައްތައް ހައްލުކުރުމަށް ޓަކައި ފުލުހުންނާއި ސިފައިން މަސައްކަތް ކުރާ އިރު އެކަމުގައި މުޖުތަމައުގެ ޒިންމާއެއް ވެސް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަސްއޫލިއްޔަތު ކިހާވަރަކަށް ނުއުފުލިގެންތޯ އަޅުގަނޑުމެންގެ ތެރޭގައި މާރާމާރީތައް އިތުރުވަމުން މިދަނީ. ކީއްވެގެންތޯ އެއް ވަނަ ފުރުސަތާއި ދެވަނަ ފުރުސަތުގައި އެތައް ސަތޭކަ މީހުން ރައީސް ނަޝީދު ދޫކޮށްލަން ޖެހުނީ. ކީއްވެގެންތޯ ރާއްޖޭގެ މަގުތަކުގައި ޖަރީމާތައް ހިންގަން ދޫކޮށްލެވިގެން މިއުޅެނީ. ޝައްކެއް ނެތް ސިފައިންނާއި ފުލުހުން ވާޖިބު އަދާކުރައްވާނެ. ކޮބައިތޯ އަޅުގަނޑުމެންގެ މުޖުތަމައުގެ ޒިންމާ. އަޅުގަނޑުމެންގެ މަންމައިންނާއި ބައްޕައިންނަށް ކޮންކަމެއް ގޯސްކޮށް ކުރެވިގެންތޯ،" ޔާމީން ވިދާޅުވި އެވެ.