ނައިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން) އާ ދެކޮޅަށް ރޭ ހުޅުމާލެގައި ބަޔަކު މީހުން ކުރި މުޒާހަރާ އާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ މަޝްވާރާތަކުގައި ރައީސްގެ ފަރާތްޕުޅުން މަންދޫބަކު ބައިވެވަޑައިގަތުމާ މެދު ސަރުކާރުން އިތުރަށް ވިސްނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މިހާރުގެ ސަރުކާރާ ދެކޮޅަށް ހުޅުމާލޭގައި ބަޔަކު މީހުން ރޭ މުޒާހަރާ ކުރީ އެސްޓީއޯ އިން ހުޅުމާލޭގައި އަޅާފައިވާ "ފުޓްސަލް" ދަނޑު ހުޅުމަށް ނައިބު ރައީސް ބައިވެވަޑައިގެން ބޭއްވި ރަސްމިޔާތު ހިނގަމުންދިޔަ ވަގުތެވެ.

ރައީސް އޮފީހުގައި އިސްތަރުޖަމާނު އައްބާސް އާދިލް ރިޒާ ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ޕާޓީތަކުގެ އިސްލީޑަރުންނާ އެކު ބާއްވާ މަޝްވަރާތަކުގައި ރައީސްގެ ފަރާތްޕުޅުން ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ނިންމަވާ އެކަން ރައްޔިތުން މަޖީލިހަށް ވެސް އަންގާފައިވާ ކަމަށާއި ނަމަވެސް ރޭ ކުރި މުޒަހަރާއާ ގުޅިގެން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމާ މެދު ސަރުކާރުން އިތުރަށް ވިސްންނާނެ ކަމަށެވެ.

"ސަރުކާރުން ދެން އަނެއްކާ ވެެސް ވިސްނާނެ އެ މަޝްވަރާތަކުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެތޯ. އެހެން ނަމަވެސް ކުރިން އޮތީ އެމްޑީޕީން ހަރާކާތްތައް ހުއްޓާލުމާ އެކު މަޝްވަރާތަކުގައި ރައީސްގެ ފަރާތްޕުޅުން ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް،" އައްބާސް ވިދާޅުވި އެވެ.

ނާއިބު ރައީސަށާއި ސަރުކާރުގެ ވަޒީރުނަށް ނިސްބަތްކޮށް ހުތުރު ބަސްތައް ގޮވާފައިވާ އެ މުޒާހަރާއަކީ އެމްޑީޕީން ރާވައިގެން ކޮށްފައިވާ މުޒާހާރާއެއް ކަމަށް ސަރުކާރުން ތުހުމަތު ކުރައްވާ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

"މިއީ އެމްޑީޕީން ރާވައިގެން މާލެ އިން މީހުން ގޮސްގެން ކޮށްފައިވާ މުޒާހަރާއެއް،" އައްބާސް ވިދާޅުވި އެވެ.

އެސްޓީއޯ އިން ހުޅުމާލެގައި އެޅި ފޫޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިޔާތު ހިންގަމުން ދިޔަ ވަގުތު އެ ސަރަހައްދަށް ބަޔަކު އެއްވެ ލައުޑް ސްޕީކަރު ފަދަ ތަކެތި ހިފައިން ސަރުކާރާ ދެކޮޅަށް ބަޔަކު ވަނީ މުޒާހަރާ ކޮށްފަ އެވެ.

އަދި އެ މުޒާހަރާގައި 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އެ މީހުންގެ ތެރެއިން އެކަކު ފިޔަވަވައި އެންމެން ރޭ ވަނީ ދޫކޮށްލައިފަ އެވެ.

މަޖިލީހުގެ ޖަލްސާތައް ބާއްވާނެ އަމާން މާހައުލެއް ގާއިމުކޮށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޓަކައި ކުރަމުން އަންނަ މަޝްވަރާތަކުގެ ބައެއްގެ ގޮތުން، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލިމަންޓަރީ ގްރޫޕްތަކުގެ ލީޑަރުންނާ އެކު ރައީސް ވަހީދުގެ ފަރާތްޕުޅުން ނައިބު ރައީސް ވަހީދުއްދީން ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ބުނެފަ އެވެ.