10 Aug 2012, 17:57
ހުޅުމާލޭގައި އަލަށް ހުޅުވި ފުޓްބޯޅަ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް ނައިބް ރައީސް މުހައްމަދު ވަހީދުއްދީން ރޭ ހުޅުމާލެ އަށް ވަޑައިގަތް ވަގުތު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރި އަށް މީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރޭ ހުޅުމާލޭގައި ކުރި މުޒާހަރާގެ ތެރެއިން އަށް މީހަކު ހައްޔަރުކުރި ކަމަށާއި އޭގެތެރެއިން އެކަކު ރޭ ދޫކޮށްލާފައިއިވާ އިރު ބާކީ ތިބި މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި މީހުން ދޫކޮށްލާފައި ވަނީ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ގެންދިއުމުން މުއްދަތު ޖަހައިނުދިނުމުން ކަމަށާއި ނަމަވެސް ކޯޓުން އެމީހުނަށް ޝަރުތުތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހުނަށް ކުރީ ކޮންޝަރުތުތަކެއް ކަމެއް ވިދާޅެއްނުވެ އެވެ.
ރޭ ފުލުހުން ހައްޔަރު އެންމެނަކީ ވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އާންމުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ރޭ ހުޅުމާލޭގައި ސަރުކަރާ އިދިކޮޅު ގިނަ ފަރާތްތަކުން މުޒާހަރާކޮށްފައި ވަނީ ޔޫތު މިނިސްޓްރީ އާއި އެސްޓީއޯ އާއި ފުލުހުންނާއި ސިފައިން އަދި އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދާ "ޔުނިޓީ ތުރޫ ފުޓްސަލް" ޕްރޮޖެކްޓްގެ ދަށުން ހެދި ފުރަތަމަ ދަނޑު ހުޅުމާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ނައިބް ރައީސް މުހައްމަދު ވަހީދުއްދީން ވަޑައިގަތުމާ ގުޅިގެން އެކަމާ ދެކޮޅަށެވެ.