ރާއްޖޭގެ ޖީޑީޕީ، އުފެއްދުންތެރިކަމުގެ މިންގަނޑު މިދިޔަ އަހަރާ އަޅާބަލާ އިރު މި އަހަރު ދަށަށް ދާނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ލަފާކޮށްފި އެވެ.

އެ ބޭންކުން ރާއްޖޭގެ އިގްތިސޯދު ރިވިއު ކުރުމަށް ފަހު މިދިޔަ ހަފްތާގައި އާންމުކޮށްފައިވާ، ޖުލައި މަހުގެ އެކޮނޮމިކް ރިވިއުގައިވާ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ޖީޑީޕީ ވަނީ 7.5 ޕަސެންޓް އިތުރުވެފަ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް އެކޮނޮމިކް ރިވިއު ކުރި އިރު މި އަހަރުގެ ތެރޭގައި ރާއްޖޭގެ ރިއަލް ޖީޑީޕީ އިތުރުވާނެ ކަމަށް ލަފާކުރެވެނީ 5.5 ޕަސެންޓަށެވެ. އެއީ ދެ ޕަސެންޓްގެ ދަށްވުމެކެވެ.

ޖީޑީޕީއަކީ ގައުމުގެ އިގުތިސޯދުގެ ކުރިއެރުން ވަޒަންކުރާ އެއް މިންގަނޑެވެ.

ޖީޑީޕީގެ 28 ޕަސެންޓް ހިއްސާ ކުރާ ޓޫރިޒަމް އިންޑަސްޓްރީގެ ކުރިއެރުން މި އަހަރު ތެރޭގައި ދަށަށް ގޮސްފައިވާ ކަމަށް އެކޮނޮމިކް ރިވިއުގައި ފާހަގަކޮށްފައިވެ އެވެ. މިދުވަސްވަރަކީ ޓޫރިޒަމްގެ ލޯ ސީޒަންކަމުން ޖޫން މަހުގެ ތެރޭގައި ވެސް ޓޫރިޒަމްގެ ސިނާއަތް ވަނީ ދަށަށްގޮސްފައި ކަމަށް ރިވިއުއިން ދައްކަ އެވެ. އަދި ޓޫރިސްޓުން ރިސޯޓުތަކުގައި ހޭދަކުރާ ރޭގެ ނިސްބަތް ވެސް ވަނީ ދަށަށް ގޮސްފަ އެވެ. އަދި އިންޑަސްޓްރީގެ އޮކިއުޕަންސީ ރޭޓް ވެސް ވަރަށް ބޮޑުތަނުން ދަށަށް ގޮސް ޓޫރިޒަމް ސިނާއަތުގެ އޮޕަރޭޝަން ކެޕޭސިޓީ ދަށްވެފައިވާކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

ދެވަނަ އަށް އެންމެ ބޮޑު އިންޑަސްޓްރީ މަސްވެރިކަމުގެ ސިނާއަތް މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ވަނީ ކުރިއަރަން ފަށާފަ އެވެ. މަސް އެކްޕޯޓްކޮށްގެން ރާއްޖެ އަށް ލިބުނު އާމްދަނީ ވަނީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ފާހަގަކޮށްލެވޭ ވަރަކަށް އިތުރުވެފަ އެވެ. އޯވަރޯލްކޮށް މަހުގެ އެކި ބާވަތްތަކުގެ އެކްސްޕޯޓް ވަނީ އިތުރުވެފަ އެވެ.

ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް ލަފާކޮށްފައިވާ ވަރަށް ވުރެ އިތުރު ވާނެ ކަމަށް ލަފާކުރެވޭ އިރު އެމްއެމްއޭ އިން ލަފާ ކުރަނީ ދައުލަތުގެ ބަޖެޓް ޑެފިސިޓް ޖީޑީޕީގެ 10 ޕަސެންޓާ ގާތްކުރާނެ ކަމަށެވެ. އަދި ދައުލަތުގެ މިހާރުގެ ހަރަދުތައް ހުރިގޮތުން އަހަރު ނިމޭ އިރު ބަޖެޓް ޑެފިސިޓް އިތުރަށް ބޮޑުވުމުގެ ބިރު ހީވެފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. މިއަހަރުގެ ހަ މަސް ދުވަސް ފާއިތުވި އިރު ދައުލަތުގެ ފިސްކަލް ޑެފިސިޓް ވެސް ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ބޮޑުވެފައިވާ ކަމަށް ފާހަގަކޮށްފަ އެވެ.

މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އިންފުލޭޝަން ރޭޓް ވެސް ވަނީ މައްޗަށް ޖެހިފަ އެވެ. ނަމަވެސް އައިއެމްއެފްގެ ހިސާބުތަކުން ދައްކާ ގޮތުން ދުނިޔޭގެ މާކެޓްގައި އާންމު ކާބޯތަކެއްޗާއި ތެލުގެ ބާވަތްތަކުގެ އަގު ވަނީ ދަށަށްދާން ފަށައިފަ އެވެ.