މަނިކުބެއާ ދިމާނުވެ ދެ ހަފުތާއެއް ފާއިތުވަނިކޮށް މަނިކުބެއާ އެކު ކޮފީ މޭޒެއް ދޮށުގައި އިށީނދެއްޖައީމެވެ.


"ރާއްޖޭގައި އުޅޭ ހިތެއް ނުވޭ މިހާރަކު،" ކޮފީ މޭޒުގައި ހަމަ އިށީނުމާ އެކު މަނިކުބެ ކުއްލިއަކަށް ބުނެލި އެވެ. އަޅުގަނޑު ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް މި ފެށި މައުލޫއަކުންނެވެ. "ރާއްޖެއިން ބޭރުގައި އުޅޭހިތް ވަނީ."


މަނިކުބެ އަށް މިވީ ގޮތެއް އެބަ ބަލަންޖެހެ އެވެ. ރާއްޖެ ދޫކޮށް ދާންވެގެން މީނާ މި އުޅެންފެށީ ކީއްވެގެންތޯ އެބަ ބަލަންޖެހެ އެވެ.


"ދިވެހިންނަށް ކަމުދާ އެއް ކަމެއް ވެސް ރާއްޖެއަކު ނެތް. ދީން ކަމަކު ނުދޭ، ގާނޫނު އަސާސީ ކަމަކުނުދޭ، ފަނޑިޔާރުގެ ކަމަކަނުދޭ، ރައްޔިތުންގެ މަޖިލިސް ކަމަކުނުދޭ، ރައީސުލްޖުމްހޫރިއްޔާ ކަމަކުނުދޭ، ވަޒީރުން ކަމަކުނުދޭ، ސަރުކާރު ކަމަކުނުދޭ، ސިފައިން ކަމަކުނުދޭ، ފުލުހުން ކަމަކުނުދޭ،" މަނިކުބޭ ނޭވައަކަށް ވެސް މަޑުނުކޮށް އަމުނައިލި އެވެ. އިސްދަށް ޖެހިފައި އަޅުގަނޑަށް އިނދެވުނީ އެވެ. މަނިކުބެއާ ދެކޮޅަށް އެއްޗެއް ބުނަން އަނގަ ހުޅުވަން ނޭނގިފަ އެވެ.


މަނިކުބެ އަކީ ވަރަށް ކުޑައިރު ބޮލުގައި ކާއްޓަކުން ޖެހުމުގެ ސަބަބުން، ބޮލުގެ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް އޭނާގެ އެންމެ ގާތް ރައްޓެހިން ބުންޏަސް، އޭނާ އެ ދައްކާ ވާހަކައަކީ ބޮޑުވަމުންދާ އިޖުތިމާއީ މައްސަލައެއްކަން ޔަގީނެވެ. އެކަމަކު އެންމެ ހައިރާން ވަނީ މިހިރަމިހިރަ ކަންތަކުގެ ސަބަބުން މަނިކުބެގެ "ހުސް އުނބަށް" އުނދަގޫވެގެންއުޅޭތީ އެވެ.


މަނިކުބެ އެ ބުނަނީ ފިސާރި ހެޔޮކޮށެވެ. ދިވެހިންނަށް ކަމުދާ އެކައްޗެއް ވެސް މިހާރު ރާއްޖެއަކު ނެތެވެ. ކުރިން ވިއްޔާ އިސްލާމް ދީނަކީ އެންމެ މާތް ދީން ކަމުގައި ބަލައިގެން ﷲ އަށް އަޅުކަން ކުރުމުގައި އެންމެން އެބަ ދެމިތިބެ އެވެ. ނަމަވެސް މިހާރު އެހެނެއް ވެސް ނުވި އެވެ. އިސްލާމް ދީން ގަބޫލްނުކުރާ ކަމަށް ފާޅުގައި ބުނެ، މުރުތައްދުވަމުން އެ ދަނީ މަދު ބައެއް ނޫނެވެ. އަދި ވަކި ދީނެއް ނެތި ސިއްރުގައި އުޅެނީ ވެސް މަދު ބައެއް ނޫނެވެ.


ދިވެހިންގެ ވިސްނުން މިއަދު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ހުރިހާ މަރުހަލާއެއްގައި ވެސް މެ އެވެ. ކުރިން، ސިޔާސީ ކަންކަމުގެ ވާހަކަ ފާޅުގައި ނުދެއްކުނެއް ކަމަކު، ޑިމޮކްރަސީއާ އެކު އެ މިނިވަންކަން ލިބުމުން، އެ މީހެއްގެ ދުލަށް ފެންނަ ކޮންމެ އެއްޗެއް ބުނުމުގެ ހައްގު އޮތީ ލިބިފަ އެވެ. އެހެންކަމުން، އެ ބަޔަކު ތަބާވާންޖެހޭ އެއްވެސް ކަމެއް، ބޯލަނބަންޖެހޭ އެއްވެސް ގާނޫނެއް، އަދަބު އިހްތިރާމް އަދާކުރަންޖެހޭ އެއްވެސް މީހެއް މި ގައުމަކު ނެތެވެ. ކޮންމެ މީހަކާ ދިމާލަށް ކޮންމެ އެއްޗެއް ވެސް ބުނަންވީ އެވެ. ދުލުގައި ކައްޓެއް ނެތެވެ. ގައުމުގެ އިޖުތިމާއީ ފޭރާން އޮތީ ލޫދި، މުޅިން ހަލާކުވެފަ އެވެ.


މިއަދުގެ ޖީލު މިހާ ހިސާބަށް ފޯރުކޮށްދިނުމުގައި އެތައް ބައެއްގެ ހިއްސާ އެބައޮތްކަން ޔަގީނެވެ. އެހެންވެ އެ ހުރިހާ ފަރާތްތަކަކީ ވެސް ގަދަރު އުފުލިގެންވާ ފަރާތްތަކެއްކަން ކަށަވަރެވެ. އެކަމަކު އެ ފަރާތްތަކުން ގައުމަށްޓަކައި ފޯރުކޮށްދީފައިވާ، އަދި ފޯރުކޮށްދެމުންދާ ހިދުމަތް ވެއްޔާ މޮޑެވިގެންދާތަން ބަލަން ކޮންމެ މީހަކު ނުހުރެދާނެ އެވެ. އެ ތަންތަން ބަލަން ރާއްޖޭގައި ހުރުމަށްވުރެ، އެހެން ގައުމަށް ދިއުން އެއީ ބުއްދިވެރި ގޮތެއް ކަމަށް ބައެއް މީހުންނަށް ގަބޫލްކުރެވުން އެއީ، މަނިކުބެ ފަދައިން، އެ މީހުން ހަމަ ބުއްދީގައި ނެތުމެއް ނޫން ދޮގެއްތޯ އެވެ؟