03 Sep 2025, 09:05
ސައުތު ސިނަމާގެ މަގުބޫލު ބަތަލާ އަދި ފިލްމު ޕްރޮޑިއުސަރު ޖިއޯތިކާ ކުޅެފައިވާ ސައުތު ސިނަމާގެ ގިނަ ފިލްމުތަކުގެ ޕޯސްޓަރުން ބަތަލާ ނުފެންނާނެ ކަމަށް ބުނުމުން ގިނަ ބަޔަކު އެކަމާ ނުރުހުން ފާޅުކޮށްފިއެވެ.
ބޮލީވުޑަށް ވެސް ތައާރަފުވެފައިވާ ބަތަލާ، ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ، ޖިއޯތިކާއަށް ބޮލީވުޑްގައި ކުރެވުނު ތަޖުރިބާތައް ވަރަށް ތަފާތު ކަމަށެވެ. އެގޮތުން، މިހާތަނަށް ސައުތު ސިނަމާގެ ގިނަ ފިލްމުތަކެއްގައި ޖިއޯތިކާ މުހިންމު ރޯލެއް ކުޅެފައިވީ ނަމަވެސް ގިނަ ފިލްމުތަކުގެ ޕޯސްޓަރުން ބަތަލާއަށް ޖާގަ ދީފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.

ބަތަލާ ޖިޔޯތީ މުހިއްމު ރޯލަކުން ފެނުނު ހިންދީ ފިލްމު "ޝައިތާން"ގެ ޕޯސްޓަރެއް--ފޮޓޯ/ޕިންކްވިލާ
ބޮލީވުޑް ފިލްމު "ޝައިތާން"ގައި ޖިއޯތިކާގެ މާ ބޮޑު ރޯލެއް ހިމެނިފައި ނެތް ނަމަވެސް ފިލްމުގެ ވަރަށް ގިނަ ޕޯސްޓަރުތަކުގައި ޖިއޯތިކާ ފެންނަން އެބަހުރި ކަމަށާއި އެކަމުން ބޮލީވުޑްގައި ބަތަލާއިންނަށް އަހައްމިއްޔަތުކަން ދޭ މިންވަރު ދޭހަކޮށްދޭ ކަމަށް ޖިއޯތިކާ ވަނީ ބުނެފައެވެ.
ޖިއޯތިކާގެ މި ގޮތަށް ބުނުމާ އެކު ސައުތު ސިނަމާއަށް ލޯބިކުރާ ބަތަލާގެ ސަޕޯޓަރުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ޖިއޯތިކާ ކުޅެފައިވާ ސައުތު ފިލްމުތަކުގެ ތެރެއިން ބަތަލާ ހިމެނޭ ފިލްމުތަކުގެ ގިނަ ޕޯސްޓަރުތަކުން ސޯޝަލް މީޑިއާ ފުރާލާފާއެވެ.
ޓުވިޓާގައި ޖިއޯތިކާގެ ސަޕޯޓަރަކު ޚިޔާލުފާޅު ކުރަމުން ބުނެފައިވަނީ ބޮލީވުޑުން ފުރުސަތު ލިބުނު ނަމަވެސް ތިމާ ހަގީގަތުގައި ތަރިއަކަށް ހެދީ ސައުތު ސިނަމާއިންކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.
ދެ ސިނަމާގެ މެދުގައި ހުރި ފަރަގުތައް ކިޔުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ޖިއޯތިކާ ކާމިޔާބު ތަރިއަކަށް ހަދައިދިން ފިލްމު އިންޑަސްޓްރީގެ އަގުވައްޓާލުމަށް ހަގީގަތާ ޚިލާފު ވާހަކަތައް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބަތަލާގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.
ސައުތު ސިނަމާގެ މަގުބޫލު އެކްޓަރު ސޫރިޔާއާ ކައިވެނިކޮށްގެން އުޅޭ ބަތަލާ އެންމެ ފަހުން ވެސް ފެނިފައިވަނީ ބޮލީވުޑްގެ އުފެއްދުމަކުންނެވެ. އެއީ، ފަރުހާން އަހްތަރުގެ ފިލްމު ޕްރޮޑަކްޝަން އެކްސެލް އެންޓަޓެއިންމަންޓްއިން ގެނެސްދިން ކްރައިމް ޑްރާމާ ސީރީޒް "ޑައްބާ ކާޓެލް"އިންނެވެ.