02 Sep 2025, 19:38
އެޕަލްގެ އުފެއްދުންތައް ކަމަށްވާ އައިފޯން، އެޕަލް ވޮޗް، އަދި އެއާޕޮޑްސް ގެންގުޅޭ ގިނަ ބަޔަކަށް އެތަކެތި ޗާޖުކުރުމަކީ ބޮޑު އުނދަގުލެކެވެ. ޚާއްސަކޮށް ދަތުރުތަކުގައި އުޅޭއިރު މިކަން މި ވަނީ ވަރަށް ބޮޑު ތަކުލީފަކަށް ވެފައެވެ.
ތަފާތު ތިން ކޭބަލާއި، ތިން ޗާޖަރު، ދަބަހަށް ލައިގެން ގެންގުޅެން ޖެހުމުން ދަބަހަށް ތަކެތި ގިނަވެ، ބައެއް ފަހަރު ކޮންމެވެސް އެއްޗެއް ދޫކޮށްލެވެއެވެ. ނަމަވެސް މަޝްހޫރު ޓެކްނޮލޮޖީ ވެބްސައިޓް ސީނެޓްގެ ޓްރެވަލް ރައިޓަރެއް ވަނީ މިކަމަށް ފަސޭހަ ހައްލެއް ހޯދާފައެވެ. އެއީ އޭނާގެ ދަބަހުން ދުވަހަކުވެސް ވަކިނުކުރާ 'އެންކާ 3-އިން-1 ކިއުބް ވިތް މެގްސޭފް' ކިޔާ ކުޑަކުޑަ ގެޖެޓެކެވެ.

އެންމެ ޕްލަގަކުން ގިނަ ޑިވައިސްތަކެއް އެފަހަރާ ޗާޖްކޮށްލެވޭ ---
މިއީ އެޕަލްގެ ތިން ޑިވައިސް އެއްފަހަރާ ޗާޖުކުރުމަށް ފަރުމާކޮށްފައިވާ ވަޔަލެސް ޗާޖިން ސްޓޭޝަނެކެވެ. އެންމެ ޕްލަގެއް ބޭނުންކޮށްގެން މެގްސޭފް ޓެކްނޮލޮޖީއާއެކު އައިފޯން، އެއަށް ޚާއްސަ ޕެޑެއްގައި އެޕަލް ވޮޗް، އަދި ތިންވަނަ ޑިވައިސްއެއްގެ ގޮތުގައި އެއާޕޮޑްސް ނުވަތަ އެހެން ވަޔަލެސް ކޭސްއެއްވެސް ޗާޖުކުރެވެއެވެ. އެހެންކަމުން އެތައް ސާމާނެއް ގެންގުޅުމުގެ ބުރަ އުފުލާކަށް ނުޖެހެއެވެ.
މި ގެޖެޓް ދަތުރުވެރިންގެ މެދުގައި މަގުބޫލުވާ އެންމެ މުހިންމު އެއް ސަބަބަކީ އޭގެ ކުޑަ، ފަތްޖެހޭ ޑިޒައިނެވެ. ބޭނުންނުކުރާ ގަޑީގައި މިއީ ޖީބަށް ލެވޭހާ ކުޑަ ކިއުބަކަށް ބަދަލުކޮށްލެވޭ އެއްޗެކެވެ. ތިން ޗާޖަރާއި ތިން ކޭބަލް ދަބަހަށް ލުމުގެ ބަދަލުގައި، އެންމެ އެއްޗަކުން ދަބަހުން ޖާގަ ސަލާމަތްކޮށްދެއެވެ.
ޚާއްސަކޮށް ހޮޓެލް ރޫމްތަކުގައި ޕްލަގް ޕޮއިންޓުތައް މަދުވުމުން، އެންމެ ޕްލަގެއް ބޭނުންވާތީ މިއީ ވަރަށް ބޮޑު ފަސޭހައެކެވެ.

ޗާޖްކުރާ ވަގުތު ސްޓޭންބައި މޯޑް ގަޑިއެއް ----
ޗާޖުކުރުމުގެ އިތުރުން، މި ގެޖެޓްގައި އިތުރު ފައިދާތަކެއްވެސް ހުރެއެވެ.
މެގްސޭފް މެދުވެރިކޮށް އައިފޯން ޗާޖުކުރާއިރު، ފޯނު އެނދުމަތީ ގަޑިއެއްގެ ގޮތުގައި ބޭނުންކުރެވޭ 'ސްޓޭންޑްބައި މޯޑް' އަށް ބަދަލުވެއެވެ. މީގެ އިތުރުން މި ގެޖެޓް ގަންނައިރު އޭގެ 30ވޯޓް ޕަވާ އެޑެޕްޓަރާއި ޔޫއެސްބީ ސީ ކޭބަލް އެކީގައި ލިބޭތީ، ވަކިން ޗާޖަރެއް ގަންނާކަށް ނުޖެހެއެވެ.
ސީނެޓްގެ ލިޔުންތެރިޔާ ފާހަގަކުރާ ގޮތުގައި، މި ގެޖެޓަކީ އޭނާގެ ދަތުރުތައް ވަރަށް ފަސޭހަކޮށްދީ، ޕެކްކުރުމަށް ހޭދަވާ ވަގުތު ސަލާމަތްކޮށްދޭ އެއްޗެކެވެ. މި ގެޖެޓްގެ އަގު ގާތްގަނޑަކަށް 150 ޔޫއެސް ޑޮލަރަށް އަރާއިރު، ގިނައިން ދަތުރުކޮށް އުޅޭ އެޕަލް ޔޫޒަރުންނަށް މިއީ ގަނެލަން އެކަށީގެންވާ ގެޖެޓެކެވެ.