10 Aug 2012, 17:41
ރީބްރޯޑްކާސްޓް ކުރުމާ ބެހޭ ޤަވާއިދަށް އަމަލުކުރާ އިރު ދިމާވާ ދަތިތައް ހައްލުކުރުމަށް ޓަކައި އެ ގަވައިދުން ކޮންމެހެން އިސްލާހު ކުރަން ޖެހޭ މާއްދާތައް އިސްލާޙު ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.
އެކޮމޮޝަނުންގެ ވެބްސައިޓްގައި މިއަދު ބުނެފައި ވަނީ މިހާރު އަމަލްކުރަން ފަށައިފައިވާ "ރީބްރޯޑްކާސްޓް ކުރުމުގެ ޤަވާއިދު" އިސްލާޙު ކުރަން ނިންމާފައި ވަނީ ލައިސަންސް ހޯދުމަށާއި ގަވައިދު ތަންފީޒުކުރުމުގައި ބޮޑެތި ދަތިތަކެއް ހުރި ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެން ފެށުމުންނާއި އަދި މާލެ އާއި އަތޮޅުތެރޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދެމުން އަންނަ އަދި އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކާ އެ ކޮމިޝަނުން ބައްދަލުކުރުމުން، ގަވާއިދަށް އަމަލުރުމަށް ބޮޑެތި ހުރަސްތަކެއް ހުރި ކަމަށް އެ ފަރާތްތަކުން ފާހަގަކުރުމާ ގުޅިގެން ކަމަށެވެ.
އަދި ބުނީ "ރީބްރޯޑްކާސްޓް ކުރުމުގެ ޤަވާއިދު" ތަންފީޒު ކުރުމަށް ފަސޭހަ ކުރުމަށް ޓަކައި މި ވަގުތު ކޮންމެހެން ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން އެ ގަވައިދަށް ގެންނަން ފެންނަ އިސްލާޙުތަކާ މެދު މިހާރު މަޝްވަރާކުރެވިފައިވާ ކަމަށާއި އަދި މިހާރު ވަނީ ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގެ ލަފަޔަކަށް ފޮނުވުމުގެ މަރުހަލާގައި ކަމަށެވެ.
"ރީބްރޯޑްކާސްޓް ކުރުމުގެ ޤަވާއިދު" ނުވަތަ ކޭބަލް ޓީވީގެ ހިދުމަތް ދިނުމާ ބެހޭ ގަވައިދަށް އަމަލުކުރަން ފަށާފައި ވަނީ މިއަހަރު އެޕްރީލް 3 ވަނަ ދުވަހު އެވެ.