އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޕަލްގެ ޚާއްސަ އިވެންޓާ ދިމާކޮށް، ޓެކްނޮލޮޖީގެ ދުނިޔެއަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވަނީ އުފެއްދުންތަކާ ބެހޭ ގޮތުން އެކި ވާހަކަތަކާއި ލަފާކުރުންތައް ފެތުރިފައެވެ.

އަންނަ އަންގާރަ ދުވަހު ބާއްވާ މި އިވެންޓުގައި އެޕަލްގެ އެންމެ ފަހުގެ އާ އުފެއްދުންތައް ކަމަށްވާ އައިފޯން 17 ސީރީޒް، އެޕަލް ވޮޗް ސީރީޒް 11، އަދި އެޕަލް ވޮޗް އަލްޓްރާ 3 ދައްކާލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ފެތުރިފައިވާ އަޑުތަކަށް ބަލާއިރު، މި އަހަރުގެ އައިފޯންތަކުގެ އެންމެ ބޮޑު އެއް ކުރިއެރުމަކަށް ވާނީ ކެމެރާގެ ނިޒާމެވެ. އައިފޯން 17 ގެ ހުރިހާ މޮޑެލެއްގައި 24 މެގާޕިކްސެލްގެ ސެލްފީ ކެމެރާއެއް ހިމެނޭނެ ކަމަށް ބުނެވޭއިރު، ޕްރޯ މޮޑެލްތަކަށް އިތުރު ޚާއްސަ ސިފަތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި 8އެކްސް އޮޕްޓިކަލް ޒޫމް ގެނެސްދޭ ޓެލެފޮޓޯ ލެންސަކާއި 4ކޭ ވީޑިއޯ ރެކޯޑްކުރުމުގެ ގާބިލްކަން ހިމެނެއެވެ.

ކެމެރާގެ އިތުރުން، ޕާފޯމަންސްއަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. ޚާއްސަކޮށް އައިފޯން 17 ޕްރޯ މޮޑެލްތަކުގައި 6-ކޯ ޖީޕީޔޫއެއް ހިމަނާފައިވުމަކީ، ގޭމިން އާއި މަތީ ފެންވަރުގެ އެޕްލިކޭޝަންތައް ބޭނުންކުރުމުގައި މާ ރަނގަޅު އަދި އަވަސް ތަޖުރިބާއެއް ޔަގީންކޮށްދޭނެ ކަމެކެވެ.

މި އަހަރުގެ އިވެންޓުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ ކަމަށް ބެލެވޭ އެއް އުފެއްދުމަކީ 'އައިފޯން 17 އެއާ' ގެ ނަމުގައި ތަޢާރަފްކުރާނެ ކަމަށް ބެލެވޭ މުޅިން އާ މޮޑެލެވެ. މިއީ އާދަޔާ ޚިލާފަށް ހިމަ، ލުއި ފަރުމާއަކަށް އުފައްދާފައިވާ ފޯނެއް ކަމަށް ވާއިރު، އޭގައި 6.6 އިންޗީގެ ބޮޑު ޑިސްޕްލޭއެއް ހުންނާނެ ކަމަށް ލީކުތަކުން ދައްކައެވެ.

އައިފޯން 17 އެއާގެ އެން ޚާއްޞަ އިންގިލާބީ ސިފައަކަށް ވާނެ ކަމަށް ބެލެވެނީ އޭގެ ބެޓެރީއެވެ. މިއީ އެޕަލްގެ އުފެއްދުމެއްގައި ފުރަތަމަ ފަހަރަށް ހައި-ރެޒޮލިއުޝަން ސިލިކަން ބެޓެރީއެއް ބޭނުންކުރާނެ ފޯނު ކަމަށް މައުލޫމާތު ލިބެއެވެ. 2,800 މިލީއެމްޕަޔާ ގެ މި ބެޓެރީއަކީ އާ ޓެކްނޮލޮޖީއެއް ކަމުން، ފޯނު ޗާޖުކުރުމަކާ ނުލައި ގިނަ އިރު ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އައިފޯންތަކުގެ އިތުރުން، އެޕަލް ވޮޗްގެ އާ ދެ މޮޑެލެއް ވެސް މި އިވެންޓުގައި ދައްކާލާނެއެވެ. އެޕަލް ވޮޗް ސީރީޒް 11 އަދި އެޕަލް ވޮޗް އަލްޓްރާ 3 ގައި ވެސް ޕާފޯމަންސަށާއި ބެޓެރީގެ ދިގުމިނަށް އަދި މައިގަނޑު ފީޗާތަކަށް މުހިންމު ކުރިއެރުންތަކެއް ގެނެސްފައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

މި ހުރިހާ އުފެއްދުމެއް ރަސްމީކޮށް ދައްކާލުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 9 ގައި، އިރުމަތީ އެމެރިކާގެ ގަޑިން މެންދުރުފަހު 1:00 ގައި (ޕެސިފިކް ގަޑިން ހެނދުނު 10:00) އެވެ. އެޕަލްގެ އުފެއްދުންތަކަށް ލޯބިކުރާ އެތައް މިލިއަން ބަޔަކު ދަނީ މި އިވެންޓުން ފެނިގެންދާނެ އާ ކަންކަމަށް ކެތްމަދުވެ އިންތިޒާރުކުރަމުންނެވެ.