02 Sep 2025, 14:25
ބްރަސަލްސް (02 ސެޕްޓެމްބަރު 2025) : އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ތައްޔާރުވަމުން ދާކަމަށް ބެލްޖިޔަމްގެ ޚާރިޖީ ވަޒީރު މެގްޒިމް ޕްރެވޯ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕްރެވޯ ވިދާޅުވީ އިސްރާއީލަށް ފިޔަވަޅު ނާޅައި ވަރަށް ގިނަ ދުވަހު ހިފެހެއްޓިއްޖެ ކަމަށާއި ދެން އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅުތައް ނާޅައި ބެލްޖިޔަމް ނޯންނާނެ ކަމުގައެވެ.
މީގެ އިތުރުން މި މަހުގެ ތެރޭގައި ބެލްޖިޔަމްއިން ފަލަސްތީނުގެ މިނިވަން ދައުލަތަކަށް އިއުތިރާފު ވާނެ ކަމަށާއި މި ކަމުގެ ބޭނުމަކީ ފަލަސްތީނުގެ ބިމުގައި ދައުލަތެއް ގާއިމް ކުރުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުންނަށް އޮންނާނެކަން ބެލްޖިޔަމް އިން ގަބޫލުކުރުންކަމަށް ޕްރެވޯ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޣައްޒާގައި އިސްރާއީލު ހިންގަނީ ގަތުލުއާންމުތަކެކެވެ. އާންމުންގެ ބޮލަށް ބޮންއަޅައިގެންނާ އަދި ހައިހޫނުކަމުގައި ޖައްސައިގެން ޣައްޒާގެ އާންމުން މެރުމަކީ ގަތުލުއާންމު ކަމަށާއި އެއީ ދިފާއީ ކަންކަން ނޫންކަމަށް ޕްރެވޯ ސިފަކުރެއްވިއެވެ.
ބެލްޖިޔަމްއިން އިސްރާއީލާ ދެކޮޅަށް އަޅާނީ އިސްރާއީލަށް އަސަރު ކުރާވަރުގެ ހަރުކަށި ފިޔަވަޅުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލެއް ނުދެއްވައެވެ.
ބެލްޖިޔަމްގެ ޚާރިޖީ ވަޒީރު މެގްޒިމް ޕްރެވޯ މިހެން ވިދާޅުވެފައި މިވަނީ ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ޓެރަރިޒަމްގެ އަމަލުތަކާއި ގަތުލުއާންމުތަކާއި ހައިހޫނުކަމުގައި ޖައްސައިގެން ޣައްޒާގެ ރައްޔިތުން މަރައިގެން އެ މީހުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ޔޫރަޕްގެ އިއްތިހާދު މުޅިން ފެއިލްވުމާ ގުޅިގެންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުން ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި ބޭއްވި ބައްދަލުވުމުގައި ޔޫރަޕްގެ ބައެއް ގައުމުތަކުންވަނީ އިސްރާއީލުގެ ޓެރަރިޒަމްގެ އަމަލުތަކާއި ގަތުލުއާންމުތަކާއި ހައިހޫނުކަމުގައި ޖައްސައިގެން ޣައްޒާގެ ރައްޔިތުން މެރުމުގެ ޖަރީމާތައް ކުށްވެރި ކުރުމަށާއި އަދި އެ ޖަރީމާތަކާ ގުޅިގެން އިސްރާއީލަށް ފިޔަވަޅު އެޅުމަށް ދެކޮޅު ހަދާފައެވެ.
ނަތީޖާއެއްގެގޮތުން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅެން ނެތްކަމަށް ޔޫރަޕްގެ އިއްތިހާދުގެ ޚާރިޖީ ކަންކަމާބެހޭ ވެރިޔާ ކާޔާ ކަލާސް ވަނީ ވިދާޅުވެފައެވެ. ޔޫރަޕްގެ ގިނަ ގައުމުތައް އިސްރާއީލުގެ ޖަރީމާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ދެކޮޅު ހަދާފައި ދެން އިންސާނީ ހައްގުތަކުގެ ނަމުގައި ދައްކާ ވާހަަކަ ދުނިޔޭގެ އެހެން ގައުމުތައް ގަބޫލުކުރާނެތޯ ކާޔާ ކަލާސް ވަނީ ސުވާލު ކުރައްވާފައެވެ.
އިސްރާއީލާ ދެކޮޅަށް ފާޅުގައި ބަހެއް ބުނުމަށާއި އިސްރާއީލުގެ ޓެރަރިސްޓް ހަރަކާތްތައް ކުށްވެރިކޮށްލަން ކެރެނީ ޔޫރަޕްގެ ވަރަށް މަދު ގައުމަކަށެވެ. އޭގެތެރޭގައި ހިމެނެނީ އަޔަންލޭންޑް، ސްޕެއިން, ސޮލޮވީނިއާ ފަދަ މަދު ގައުމެކެވެ. މި ތިން ގައުމުވަނީ ފަލަސްތީނުގެ ދައުލަތަށް އިއުތިރާފްވެ އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ބައެއް ފިޔަވަޅުތައްވެސް އަޅާފައެވެ.
ބެލްޖިޔަމްވެސް މިހާރުވަނީ އިސްރާއީލުގެ ޓެރަރިޒަމް ކުށްވެރި ކޮށް އިސްރާއީލަށް ފާޑުކިޔުމުގެ ހިތްވަރު ހުރި މަދު ގައުތަކުގެ ލިސްޓަށް އަރާފައެވެ. ބެލްޖިޔަމްގެ ބައެއް ހޮޓާތަކާއި ރެސްޓޯރެންޓްތަކުން ވަނީ އިސްރާއީލު މީހުންނަށް ޚިދުމަތް ދިނުމަށް ވެސް ދެކޮޅު ހަދަން ފަށާފައެވެ.
ބެލްޖިޔަމްގެ މަސައްކަތްތެރިންގެ ޖަމްއިއްޔާ (ލޭބާ ޔުނިޔަން) އިން ވަނީ އިސްރާއީލުގެ ފަސިންޖަރު މަތިންދާ ބޯޓުތަކަށް ޚިދުމަށް ދިނުމަށް ދެކޮޅު ހަދައި އިސްރާއީލު ބޮއިކަޓްކޮށް އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާ ތަކެއްކަމަށް ސިފަކޮށް އިސްރާއީލާ ދެކޮޅަށް ފިޔަަވަޅު އެޅުމަށް އެ ގައުމުގެ ސަރުކާރަށް ގޮވާލައި ބަޔާނެއް ނެރެފައެވެ.
އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް އަދި ޖަރުމަނު ފަދަ ޔޫރަޕްގެ ބޮޑެތި ގައުމުތަކުން ބައެއް ފަަހަރު އިސްރާއީލުގެ ޖަރީމާތަކަށް ފާޑުކިޔާލައެވެ. ނަމަވެސް އެ ގައުމުތަކުން ގެންދަނީ ޣައްޒާގައި ގަތުލުއާންމުތައް ހިންގުމަށް ބޭނުންވާ ހަތިޔާރާއި ވަސީލަތްތަކާއި ޖާސޫސީ އެހީތެރިކަން އިސްރާއީލަށް ފޯރުކޮށްދެމުންނެވެ. އެހެންކަމުން ޔޫރަޕްގެ ގައުމުތައް އިންސާނީ ހައްގުތަކުގެ ނަމުގައި އަދާކުރަނީ ދެފުށްދެގޮތް އަދި ޑަބަލް ސްޓޭންޑަޑް ގެ ރޯލެއްކަމަށް މުހައްލިލުން ވިދާޅުވެއެވެ.