02 Sep 2025, 10:15
ރައްޔިތުންގެ ހިޔާލު ހޯދަން ނަގައި، ފެންނަ ނުފެންނަ ވޯޓުގެ ބިލު ދިރާސާކުރަން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ނިންމައިފިއެވެ.
ކައުންސިލްތަކަށް ގެންނަ ބަދަލުތަކާއި ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލުން ހިމެނޭހެން ފެންނަ ނުފެންނަ ވޯޓެއް ނަގާނެކަން ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. އެހެންވެ، ސަރުކާރުގެ ފަރާތުން ވަނީ އެ ކަމަށް ބިލެއް ހުށަހަޅާފައެވެ.
އެ ބިލު ދިރާސާކުރަން މިއަދު ހެނދުނު 9:00 ގައި ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ފެށުމާ އެކު އެ ކޮމިޓީގެ ނައިބު މުގައްރިރު، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވަނީ ކޮމިޓީ ސިއްރުކުރަން ހުށަހަޅާފައެވެ. ފުވަމުއްލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ވަނީ އެއަށް ތާއީދުކުރައްވާފައެވެ.
އެއަށް ފަހު، ކޮމިޓީގެ އަޣުލަބިއްޔަތުން ވަނީ ކޮމިޓީ ސިއްރުކުރަން ފާސްކޮށްފައެވެ.
އެހެންވެ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާ ބެހޭ ބިލުގެ ދިރާސާ ކުރުން މިއަދު މަޖިލީހުގައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
ސަރުކާރުން ވަނީ އަތޮޅު ކައުންސިލްތައް އުވާލާއި، ކައުންސިލްތަކުގެ ސައިޒް ކުޑަކޮށް، ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލަން ނިންމާފައެވެ. އެހެންވެ، ދެ އިންތިޚާބު އެއްކޮށްލާއިރު މަޖިލީހުގެ ދައުރު ކުރުކޮށްލަން ޖެހޭތީ އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހެއެވެ.
މިހާރު ހުށަހަޅާފައި އޮތް ބިލުގައި ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީޚާއި، ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަ ވެގެން 90 ދުވަހުގެ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެއެވެ.