ފިލްމު ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާގެ އަލަށް އުފައްދާ ބިރުވެރި ފިލްމު "ޕޮލިސް ސްޓޭޝަން މޭ ބޫތު"ގެ ފުރަތަމަ ޕޯސްޓަރާ އެކު ފިލްމު ވަރަށް ޝައުގުވެރިވާނެ ކަމަށް ބެލެވޭ ކަމުގައި ގިނަ ބަޔަކު ބުނެފިއެވެ.

މި ފިލްމަކީ ފިލްމީ ތަރިން ކަމަސްވާ މަނޯޖް ބަޕްއީ ޖެނީލިއާ ދޭޝްމުކް ލީޑް ރޯލުން ފެންނާނެ ފިލްމެކެވެ. ފިލްމުގެ ޕޯސްޓަރު ރިލީޒްކުރުމާ އެކު ޖެނީލިއާގެ ފިރިމީހާ އަދި އެކްޓަރު ރިތޭޝް ދޭޝްމުކް ވެސް ވަނީ ފިލްމުގެ ޕޯސްޓަރުން ވެސް ހިތަށް ބިރުވެރިކަން ވަދެއްޖެ ކަމަށް ސޯޝަލް މީޑިއާގައި ބުނެފައެވެ.

ފިލްމު "ޕޮލިސް ސްޓޭޝަން މޭ ބޫތު"ގެ ފުރަތަމަ މޯޝަން ޕޯސްޓަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ފިލްމުގެ ކުރިން ވެސް މަނޯޖް ވަނީ ރާމް ގޯޕާލްއާ އެކު މަގުބޫލު ފިލްމުތަކެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި، ފިލްމު "ސަތިޔާ"، "ޝޫލް" އަދި "ސަރުކާރު 3" ހިމެނެއެވެ. މިހާރު ޝޫޓިން ފަށާފައިވާ ފިލްމު "ޕޮލިސް ސްޓޭޝަން މޭ ބޫތު"އަކީ ބަތަލާ ޖެނީލިއާގެ ކެރިއަރުގެ ވެސް ފުރަތަމަ ބިރުވެރި ފިލްމެވެ.

މީގެ އިތުރުން، މިއީ ޖެނީލިއާ ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާއާ އެކު ވެސް މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.

ފިލްމުގެ މޯޝަން ޕޯސްޓަރު ސޯޝަލް މީޑިއާގައި ޕޯސްޓު ކުރަމުން ރާމް ގޯޕަލް ބުނެފައިވަނީ ނުރައްކަލެއް ކުރިމަތިވުމުން ހިމާޔަތް ހޯދުމަށް އާއްމުން ދަނީ ފުލުހުންގެ ގާތަށް ކަމަށާއި ނަމަވެސް ފުލުހުން ހިމާޔަތް ހޯދަން ދާނީ ކޮން ބައެއްގެ ގާތަށްތޯއެވެ.

މި ފިލްމުގެ ޕޯސްޓަރު އާއްމުންނަށް ދައްކާލި ނަމަވެސް ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.