02 Sep 2025, 09:00
ކުރީގެ ބަތަލާ ސްރީދޭވީގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭ ހިމެނޭ "ޗާލްބާޒް"ގެ ރިމޭކެއް ބަތަލާގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު ހިމަނައިގެން އުފައްދަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ފިލްމުފެއާގައި ބުނެފައިވާ ގޮތުން ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު ޕްރޮޑިއުސަރުންގެ ތެރޭ ގުނާލެވޭ ޕްރޮޑިއުސަރަކު ވަނީ "ޗާލްބާޒް"ގެ ރިމޭކް އުފައްދަން ނިންމައި ފިލްމުގެ ބަތަލާގެ ރޯލް ޖާންވީއަށް ހުށަހަޅާފައެވެ.
މިއީ ޖާންވީއަށް ފިލްމަކުން ލިބުނު ހަމައެކަނި ފުރުސަތު ނޫން ކަމަށާއި އެއަށް ވުރެ ވެސް ޖަޒުބާތީ ފިލްމަކަށް މި ފިލްމުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެހެންކަމުން މަންމަ އަދި ކުރީގެ ކުޅަދާނަ ބަތަލާ ސްރީދޭވީ ކުޅެފައިވާ ރޯލަކަށް ފިޓުވާން ޖާންވީ ވަރަށް ބުރަކޮށް މަސައްކަތްކުރާނެ ކަމަށާއި އެއީ ބަތަލާގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ފިލްމުފެއާގައި ވަނީ ބުނެފައެވެ.

ފިލްމު "ޗާޅްބާޒް"ގެ މަންޒަރެއްގައި ކުރީގެ ބަތަލާ ސްރީދޭވީ--ފޮޓޯ/ފިލްމުފެއަ
މި ފިލްމާ ގުޅޭ މަޝްވަރާތައް ޖާންވީ އަންނަނީ އާއިލާގެ އިތުރުން ފިލްމު އިންޑަސްޓްރީގައި ތިބި ދަންނަ ތަޖުރިބާކާރުންނާ ހިއްސާ ކުރަމުން ކަމަށާއި މި ސެޕްޓެންބަރު މަހުތެރޭ ފިލްމާ ގުޅޭ އިތުރު މައުލޫމާތުތައް ސަޕޯޓަރުންނާ ހިއްސާކުރާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
ފިލްމު "ޗާލްބާޒް"އަކީ އެކްޓަރު ސަނީ ޑިއޯލާ އެކު ސްރީދޭވީ ޑަބަލް ރޯލުން ފެނުނު ފިލްމެކެވެ. މި ފިލްމުން ފެނުނު އިތުރު ތަރިންގެތެރޭ ސައުތު ސިނަމާގެ އެކްޓަރު ރަޖްނީކާންތު، އަނޫޕަމް ހޭރު އަދި އައްނޫ ކަޕޫރު ހިމެނެއެވެ.
ސްރީދޭވީއަށް 1989ވަނަ އަހަރުގެ ފިލްމުފެއާގައި އެންމެ މޮޅު ބަތަލާގެ އެވޯޑު ކާމިޔާބުކޮށްދިން މި ފިލްމުގެ ޕްރޮޑިއުސަރަކީ ޗަންދުރަ ރާއޯއެވެ. މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ޕަންކަޖު ޕަރުޝާރުގެ އުފެއްދުމެކެވެ.
ސްރީދޭވީ އަދި ފިލްމު ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު ޖާންވީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ފިލްމު "ޕަރަމް ސުންދަރީ"އިންނެވެ. މި ފިލްމުގައި ޖާންވީ ދައްކުވައިދީފައިވާ އެކްޓިންގް ހުނަރަށް ވަރަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.