މީޑިއާތައް ކޮންޓްރޯލްކުރުމަށް ސަރުކާރަށް މަގުފަހިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލާ ދެކޮޅުކަން، އެ ބިލް ދިރާސާ ކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު މީޑިއާތަކުން ބުނެފިއެވެ.

މިވަގުތު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޮތް ބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޓީއަށް ހާޒިރުވި ހުރިހާ މީޑިއާއަކުން ހެން ގޮވާލީ ބިލަށް އެއްވެސް އިސްލާހެއް ނުގެނެސް މަޖިލީހުން ބޭރުކޮށްލުމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ބިލާ ގުޅޭގޮތުން "ހަތާވީސް" އޮންލައިންގެ އެޑިޓަރު އާދަމް ނަޒީރު ވިދާޅުވީ، މި ބިލު ފަރުމާކޮށްފައިވަނީ، ނޫސްވެރިން ލިޔާ ލިއުންތަކާ ގުޅުވައި އެ މީހުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ލިބޭ ގޮތަށް ކަމަށާއި، މިކަމުގެ ސަބަބުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށެވެ.

ނޫސްވެރިންގެ ޒިންމާއަކީ ދައުލަތް ޒިންމާދާރުކުރުވުން ކަމަށާއި، ދައުލަތް ނެގެހެއްޓުން ނޫން ކަމަށް، އޭނާ ވިދާޅުވިއެވެ.

"މި ބިލުގައި ދައުލަތް ނަގަހައްޓަދިނުމަށް ވެސް ނޫސްވެރިންނަށް އެބަ ހަވާލުކުރޭ، ސުލޫކީ މިންގަނޑެއް އެބަ ކަނޑައަޅާ، މިއީ އެއްވެސް ގައުމަކުން އަމަލުކުރަމުން އަންނަ އުސޫލެއްނޫން ކަންނޭނގެ،" އޭނާ ވިދާޅުވިއެވެ.

ތަޖުރިބާކާރު ނޫސްވެރިޔާ އަދި "ދައުރު" ނޫހުގެ މެނޭޖިން އެޑިޓަރު އަހްމަދު ޒާހިރު (ހިރިގާ)ވަނީ، އެ ބިލަކީ މަޖިލީހަށް ބަލައިގަނެގެން އިސްލާހުކުރެވޭ ވަރަށް ވުރެ ގޯސް ހާލަތެއްގައި އޮތް ބިލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި، ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރަސީއެއްގައި ތަފާތު ޚިޔާލު ފާޅުކުރުމަށް ދޮރު ހުޅުވިފައިވާއިރު، ވަކި ފިކުރެއް ޕްރޮމޯޓްކުރުމަށް ޚިޔާލު ފާޅުނުކުރެވޭނެ ކަމަށް މި ބިލުގައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިވަން މުއައްސަސާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި "ދައުރު" ނޫހުގެ މެނޭޖިން އެޑިޓަރު އަހްމަދު ޒާހިރު (ހިރިގާ) ވާހަކަދައްކަވަނީ -- ސަން ފޮޓޯ: މާނިއު މުހައްމަދު

ނަޒީރު ފާހަގަކުރެއްވި ގޮތަށް ހިރިގާ ވެސް ވިދާޅުވީ، ބިލުގެ ސަބަބުން ޚިޔާލު ފާޅުކުރުމުގެ ދޮރު ބަންދުވާ ކަމަށެވެ.

މީގެ އިތުރުން، ނޫސްވެރިންނަށް ހިމާޔަތްދިނުމަށް އެއްވެސް މާއްދާއެއް ބިލުގައި ނެތް ކަން ފާހަގަކުރައްވައި، ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދުމަށް އެތައް މަސައްކަތެއް ކުރިކަން ހިރިގާ ފާހަގަކުރެއްވިއެވެ. އެގޮތުން 2008ވަނަ އަހަރު ތަސްދީގުކުރި ފެހި ގާނޫނުއަސާސީން ހޯދައިދިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދޮރު، މި ބިލު ހުށަހަޅައި ބަންދުކުރަން މަސައްކަތްކުރުމަކީ ހަނި ވިސްނުމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

"މިހާރު" ނޫހުގެ މެނޭޖިން އެޑިޓަރު މުއިއްޒު އިބްރާހީމް ވިދާޅުވީ، ނޫސްވެރިޔަކު ލިޔާ ލިއުމެއްގެ ސަބަބުން ނުވަތަ ބްރޯޑްކާސްޓަރަކު ދައްކާ ކޮންޓެންޓެއްގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވާނީ ކިހިނެއްތޯ ނުވިސްނޭ ކަމަށާއި، ބިލުގައިވާ ގޮތުން އާންމުންގެ ސިއްހަތަށް ނުރައްކާވާނެ ހާލަތަކަށް ބަލައިގެން ދައުލަތުގެ އިދާރާތަކުން މީޑިއާ ހިންގާ އިދާރާއަކަށް ވަދެ އެ މީޑިއާއެއްގެ ހިންގުން ކޯޓު އަމުރެއް ނެތި ހުއްޓުވާލެވޭ ކަމަށެވެ.

މިނިވަން މުއައްސަސާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ނޫސްވެރިން -- ސަން ފޮޓޯ: މާނިއު މުހައްމަދު

އަމިއްލަ ތަންތަނަށް ދައުލަތުގެ ތަންފީޒީ އިދާރާތަކުން ވަންނަނަމަ ކޯޓު އަމުރެއް ބޭނުންވާނެކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވީ ހިނދު، ބިލުގައި އެ ވާ މާއްދާ ގާނޫނުއަސާސީއާ ޚިލާފުކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

"މިފަދަ ހާލަތްތަކުގައި މީގެ ސަބަބުން މީޑިއާތަކުގެ ހައްގުތައް އެކަންޏެއްނޫން މި ގެއްލެނީ، މީޑިއާތަކަކީ އެނގިވަޑައިގަންނަވާނެ ދައުލަތުން މާލީ އެހީތަކެއް މިފަހުން ދޭން އަދި ނިންމިކަމުގައި ވި ނަމަވެސް މިހާތަނަށް ވެސް ދިވެހިރާއްޖޭގެ މީޑިއާތައް އޮޕަރޭޓްކުރަމުން މި އަންނަނީ ޕްރައިވެޓް ސްޕޮންސަޝިޕްތަކަށް ބިނާކޮށްގެން، ކުއްލިއަކަށް ގޮސް އޮޕަރޭޝަންތައް ހުއްޓުވާލީމާ ގެއްލިގެން އެ ދަނީ މީޑިއާ އާ ގުޅުމެއް ނެތް ޕްރައިވެޓް ތިންވަނަ ފަރާތުގެ ހައްގު،" އޭނާ ވިދާޅުވިއެވެ.

ކުރިން މީޑިއާ ކައުންސިލްގައި ވެސް މަސައްކަތްކުރެއްވި މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ގާނޫނީ ވަކީލުންނާއި ޑޮކްޓަރުންނާއި ނަރުހުން ރެގިއުލޭޓްކުރަނީ އެ ދާއިރާގެ ތަޖުރިބާކާރުން ތިބޭ ކޮމިޝަނަކުން ސެލްފް ރެގިއުލޭޓަރީ ނިޒާމެއްގެ ތެރެއިންނެވެ. ނަމަވެސް އެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައި ނެތްކަން ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

ފާހަގަކުރެވޭ ގޮތުގައި މި ބިލަށް ވާހަކަދެއްކި 22 މީޑިއާއިން ވެސް ބިލާ ދެކޮޅެވެ. ބިލު ބޭރުކޮށްލުމަށް އެކަމަކު ގޮވާލީ އޭގެ ތެރެއިން 21 މީޑިއާއަކުންނެވެ.

ސަރުކާރާ ގާތްގުޅުމެއް އޮންނަ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލުގައި އޮތީ:

  • މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން

  • ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ
  • ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން
  • ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް
  • ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް
  • ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ
  • މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ
  • ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ
  • ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް
  • ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ

ބިލާ ގުޅޭގޮތުން މަޝްވަރާކުުރުމަށް އިއްޔެ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް ހާޒިރުކޮށް، ވަކިވަކި ނޫސްތަކާ ކޮމިޓީން މިއަދު ބައްދަލުކުރިއިރު، ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލާއި ނޫސްތަކުން ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ބިލަށް އެއްވެސް އިސްލާހެއް ނުގެނެސް ވަގުތުން ބޭރުކޮށްލުމަށް ނޫސްވެރިންނާއި މީޑިއާ ކައުންސިލުން ގެންދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

މި ބިލާ ގުޅޭގޮތުން ކޮމިޓީން ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭ އާއި ޔޫތު މިނިސްޓްރީއާ ބައްދަލުކުރަން ވަނީ ތާވަލުކޮށްފައެވެ.