10 Aug 2012, 15:16
ފައިނޭންޝިއަލް އިންސްޓްރޫމަންޓްތައް ގިންތި ކުރާ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކެއާ ރޭޓިން މޯލްޑިވްސް(ކެއާ) އިން ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސްކޯޕަރޭޝަން(އެޗްޑިއެފްސީ) ގެ ޕުރޮޕޯޒްޑް ބޮންޑް ރޭޓްކޮށްފި އެވެ.
ކެޕިޓަލް މާކެޓް އޮތޯރިޓީ(ސީއެމްޑިއޭ) އިން ބުނީ ރާއްޖޭގައި ކުރެޑިޓް ރޭޓިން ހިދުމަތް ފޯރުކޮށްދިނުމަށް އެފަރާތުން ލައިސަންސް ދޫކޮށްފައިވާ ކެއާ އިން ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސްކޯޕަރޭޝަން(އެޗްޑިއެފްސީ) ގެ ޕުރޮޕޯޒްޑް ބޮންޑް ރޭޓްކޮށްފައިވާ ކަމަށާއި އެގޮތުން އެޗްޑީއެފްސީއަށް ލިބިފައިވާ ރޭޓިން އަކީ "care mld aa" ކަމަށެވެ.
އެ ގިންތިއަކީ ކްރިޑިޓް ރިސްކް ކުޑަ ކުންފުނިތަކަށް ދޭ ރޭޓިން އެކެވެ.
ކްރެޑިޓް ރޭޓިން އަކީ ކުންފުނިން ދަރަނީގެ ގޮތުގައި ނަގާ ފައިސާ އަނބުރާ ދެއްކުމުގެ ގާބިލްކަން ހުރި މިންވަރު އަންގައިދިނުމަށް ރޭޓިން އޭޖެންސީތަކުން ބޭނުންކުރާ އޮނގަޑުގައިވާ ގޮތަށް ގިންތިކުރުމެވެ.
ސީއެމްޑީއޭއިން ބުނީ ބޮންޑް ރޭޓް ކުރުމުން އިންވެސްޓުކުރާ ފަރާތްތަކަށް އެފަރާތުން ހޭދަކުރި ފައިސާ އަނބުރާ ލިބުމުގެ ޔަގީންކަން ވަޒަން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ބުނީ ބޮންޑްގައި އިންވެސްޓްކުރާ ފަރާތްތަކުން އިންވެސްޓްކުރުމުގެ ކުރިން އެފަދަ ރޭޓިން ރިޕޯޓްތައް ރަނގަޅަށް ދިރާސާކުރުމަށް ފަހު އިންވެސްޓް ކުރުމަށް އެފަރާތުން އިލްތިމާސް ކުރާ ކަމަށެވެ.