އެޕަލްގެ އައި ފޯނާއި އައި ޕެޑަށް ހާއްސަކޮށްގެން ގޫގުލްއިން ތައްޔާރު ކުރި އެޕްލިކޭޝަން ގޫގުލްއިން އަޕްޑޭޓް ކޮށްފިއެވެ. ގޫގުލްއިން ބުނާ ގޮތުގައި މީގެ ސަބަބުން، މީހުން ދައްކާ ވާހަކައިގައި ފާޅު ކުރާ ޝުއޫރުތަކާއި އެމީހުންގެ ވާހަކައިން ގަސްތު ކުރާ މަގުސަދު ދިރާސާކޮށް ދެނެގަތުން ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެއެވެ.

މި އެޕްލިކޭޝަން ތަރައްގީ ކޮށްފައި ވަނީ، ގޫގުލްގެ "ނޮލެޖް ގްރާފަށް" ފާލަން ކޮށްގެންނެވެ. ގޫގުލްގެ ނޮލެޖް ގްރާފަކީ ސަގާފަތްތަކާއި ކޮންސެޕްޓްތަކުގެ ޑޭޓާބޭހެކެވެ. މީގެ ސަބަބުން ސާޗުގެ ނަތީޖާ ވެސް ވަރަށް ބޮޑަށް ރަނގަޅު ވާނެ ކަމަށް ގޫގުލްއިން ބުނެއެވެ.

ގޫގުލްގެ ސާޗު އިންޖީނަކީ މިހާރު އެންމެ ބޮޑު މަގުބޫލުކަމެއް ލިބިފައި ވާ ސާޗު އިންޖީނެވެ. މިހާރު ވެސް ލަފްޒާއި ތަސްވީރުގެ އިތުރުން އެއް ވައްތަރު ތަސްވީރު ސާޗު ކުރެވޭނެ ގޮތް ވެސް ގޫގުލްއިން ވަނީ ތަރައްގީ ކޮށްފައެވެ. އަޑު ސާޗު ކުރެވޭ ގޮތް ވުމަކީ ގޫގުލްގެ ސާޗު މަޝްރޫއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ގޫގުލްއިން ބުނެއެވެ.

ވަރަށް އަވަހަށް މީގެ އެންޑްރޮއިޑް އެޕް ވެސް ނުކުންނާނެ ކަމަށް ގޫގުލްއާ ހަވާލާ ދީ، މީޑިޔާގެ ވަސީލަތްތަކުން ބުނެއެވެ.