10 Aug 2012, 13:32
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 46.6 ޕަސެންޓް އިތުރުވެފައިވާ ކަމަށް މީރާގެ ހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު މީރާ އަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 433.9 މިލިއަން ރުފިޔާ އެވެ. މިދިޔަ ޖޫން މަހު މީރާއަށް ލިބުނު އާމްދަނީ ވަނީ 635.9 މިލިއަން ރުފިޔާ އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 202.1 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިދިޔަ މަހުވެސް އާމްދަނީގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ޖެހުނީ ޖީއެސްޓީގެ ގޮތުގަ އެވެ. އެ ބައިން 187 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޖީއެސްޓީގެ އާމްދަނީ އަކީ މީރާއަށް ވަންނަ ފައިސާގެ 29.4 ޕަސެންޓެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ބޭންކް ޕްރޮފިޓް ޓެކްސް އިންނެވެ. އާމްދަނީގެ 28.8 ޕަސެންޓް ހިއްސާ ކުރާ ބޭންކް ޕްރޮފިޓް ޓެކްސް އިން 79.2 މިލިއަން ރުފިޔާ ލިބުނެވެ.
ޑޮލަރުގެ އާމްދަނީގެ ގޮތުގައި މީރާއަށް މިދިޔަ މަހު ލިބިފައިވަނީ 16.1 މިލިއަން ޑޮލަރެވެ. މީރާގެ އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޑޮލަރުން ލިބޭ އާމުދަނީގެ ގޮތުގަ އެވެ.
މި މަހު ލިބޭނެ ކަމަށް މީރާއިން ލަފާކޮށްފައިވާ އާމުދަނީއަށް ވުރެ މީރާއަށް ލިބުނު އާމްދަނީވެސް ވަނީ 19.3 ޕަސެންޓް އިތުރުވެފަ އެވެ. ދައުލަތަށް ވަންނަ އާމުދަނީގެ ބޮޑު ބައެއް ލިބެނީ މީރާ މެދުވެރިކޮށެވެ.