ފިލްމު "ސްކައި ފޯސް"އިން ބޮލީވުޑަށް ތައާރަފްވި ޒުވާނާ ވީރު ޕަހަރިޔާ އާއި ބަތަލާ ތާރާ ސުތާރިއާގެ ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ ވާހަކަތައް ދެކެވެމުން އަންނަތާ ވަރަށް ގިނަ ދުވަސްވެފައި ވަނިކޮށް ދެ ތަރިން ވެސް އެންމެފަހުން އެކަން ކަށަވަރުކޮށްދީފިއެވެ.

އިންޑިއާގައި ފާހަގަކުރާ ގަނޭޝް ޗަތުރުތީ ފެސްޓިވަލްއާ ދިމާކޮށް ތާރާ އާއި ވީރު ދާދިފަހުން ވަނީ އެކަކު އަނެކަކުގެ ރަސްމީ އިންސްޓަގްރާމްގައި އެ ފެސްޓިވަލް އެކީގައި ފާހަގަކުރިކަން އެނގޭހެން ދެ މީހުން އެކީގައި ނަގާފައިވާ ފޮޓޯތަކެއް ޕޯސްޓުކޮށްފައެވެ.

މި ފޮޓޯތައް ޕޯސްޓުކޮށްފައި ވަނީ ދެ މީހުންގެ އެކައުންޓުން ވެސް ކޮލަބްރޭޓްކޮށްގެން ކަމަށްވާތީ މިއީ ދެ ތަރިންގެ މެދުގައި އޮތް ލޯބީގެ ގުޅުން ރަސްމީކޮށް އިއުލާނުކުރުމަށް ޕޯސްޓުކުރި ފޮޓޯތަކެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ތާރާ އަދި ވީރު ލެކްމޭ ފެޝަން ވީކްގައި--ފޮޓޯ/ޕިންކްވިލާ

މީގެ ކުރިން ތާރާ އާއި ވީރު އެކީގައި ފެންނަ މަންޒަރު އިތުރުވުމާ ގުޅިގެން ދެ ތަރިންގެ މެދުގައި ހާއްސަ ގުޅުމެއް އޮވޭތޯ ސުވާލުކުރުމުން ތާރާ އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ދެ ތަރިންގެ މެދުގައި ހާއްސަ ގުޅުމެއް އުފެދި ތާރާގެ ހަޔާތަށް ވެސް ބައިވެރިއަކު އައިސް އުފާވެރި ދުވަސްތަކެއް ގުނަން ފަށާފައިވާތީ ބަތަލާއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ވަނީ އެކަމާ އުފާފާޅުކޮށް ސޯޝަލް މީޑިއާގައި ތަހުނިޔާގެ މެސެޖުތައް ފޮނުވާފައެވެ.

ތާރާ އާއި ވީރުގެ ލޯބީގެ ގުޅުން ފެށުނީ މި އަހަރުގެ މާޗް މަހުތެރޭ ދެ ތަރިން އެކީގައި ފެނިގެންދިޔަ ލެކްމޭ ފެޝަން ވީކްގެ ތެރެއިންނެވެ.

ތާރާ މީގެކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އިންޑިއާގެ ކަޕޫރު ޚާންދާނަށް ނިސްބަތްވާ ޒުވާނާ އާދަރު ޖެއިންއާއެވެ. ފިލްމީ ދާއިރާއަށް ތައާރަފްވުމަށްފަހު މާބޮޑު ތަރުހީބެއް ބެލުންތެރިންގެ ފަރާތުން ނުލިބުމާ ގުޅިގެން އާދަރު މިހާރު ފިލްމުތަކުން ފެންނަ މިންވަރު ވަނީ މަދުވެފައެވެ.

ތާރާ އާއި އާދަރުގެ މެދުގައި ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް އޮތްއިރު ކަޕޫރު އާއިލާގެ ވަރަށް ގިނަ އާއިލީ ހަފްލާތަކުން ވެސް ދެ ތަރިން އެކީގައި ކުރިން ފެނިފައިވެއެވެ.

ނަމަވެސް ހަތަރު ވަރަކަށް އަހަރު ވަންދެން ދެމިއޮތް ލޯބީގެ ގުޅުމަށް ނިމުން ގެނައިތާ އަހަރެއްފަހުން އާދަރު ވަނީ އަލޭކާ އަދުވާނީ ކިޔާ އަންހެން ކުއްޖަކާ ކައިވެނިކޮށްފައެވެ. ބޮލީވުޑް ޚަބަރުތައް ބުނާގޮތުން އަލޭކާ އަކީ ތާރާގެ ކުރީގެ ވަރަށް ގާތް ރަޙްމަތްތެރިއެއް ވެސް މެއެވެ.

ފިލްމު "ސްޓޫޑަންޓް އޮފް ދަ އިއާ 2"އިން ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި ތާރާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މަގުބޫލު "ކޭޖީއެފް"ގެ އެކްޓަރު ޔަޝްގެ އާ ފިލްމު "ޓޮކްސިކް"އިންނެވެ.