ފިލްމު "ސައްޔާރާ"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޒުވާން ބަތަލާ އަނީތު ޕައްޑާ ފިލްމުތަކަށް އޮޑިޝަން ދިނީ މަންމަ އާއި ބައްޕައަށް ސިއްރުން ކަމަށާއި އެކަން އެއްވެސް ބަޔަކަށް ނޭނގޭނެ ކަމަށް ބަތަލާ ބުނެފިއެވެ.

ދަ ހޮލީވުޑް ރިޕޯޓާ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އަނީތު ބުނީ، ފިލްމީ ދާއިރާއަށް ކިތަންމެ ބޮޑު ޝައުގުވެރިކަމެއް އޮތް ނަމަވެސް އޭރު މައިންބަފައިންގެ އަތުގައި އެހާ ތަނަވަސްކަމެއް ނެތުމުން އޮޑިޝަން ދިނުމަށް މުމްބާއީއަށް ދިއުމަކީ ވަރަށް ދަތި ކަމެއް ކަމަށެވެ.

އެހެންވެ ފިލްމުތަކަށް ފުރަތަމަ އޮޑިޝަން ދޭން ފެށީ ސްކޫލްގައި ކިޔަވަމުން ދިޔަ ދުވަސްވަރު މައިންބަފައިންނަށް ސިއްރުން ކަމަށެވެ. ގޭގެ ކޮޓަރީގައި ހުރެގެން ސިއްރު އޮޑިޝަންތަކެއް ދެމުން ދިޔައިރު ފިލްމީ ދާއިރާއިން މާބޮޑު ކުރިއެރުމެއް ލިބޭނެކަމަށް އޭރު އުއްމީދު ނުކުރާ ކަމަށް އަނީތު ވަނީ ބުނެފައެވެ.

ފިލްމު "ސައްޔާރާ"ގެ މަންޒަރެއްގައި އަހާން އަދި އަނީތު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ފިލްމު "ސައްޔާރާ"އިން ފުރުސަތު ލިބުމުގެ ކުރިން އަނީތު ވަނީ އެމެޒޯން ޕްރައިމްއިން ގެނެސްދިން ސީރީސް "ބިގް ގަލްސް ޑޯންޓް ކްރައި"ގެ 'ރޫހީ' ކެރެކްޓާއިން ފެނިފައެވެ.

ނަމަވެސް ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރެވޭ ކަމުގެ ހަގީގީ ތަޖުރިބާ ކުރެވެން ފެށީ ފިލްމު "ސައްޔާރާ"ގެ ސެޓުން ކަމަށާއި އެ ފިލްމުގެ ސެޓުތައް މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށް އަނީތު ވަނީ ބުނެފައެވެ.

ފިލްމުގެ އެންމެ ފަހު ޝެޑިއުލް ކުރިއަށްދިޔަ ދުވަހު ވަރަށް މާޔޫސްވި ކަމަށް ވެސް އަނީތު ވަނީ މި އިންޓަވިއުގައި ބުނެފައެވެ. ނަމަވެސް "ސައްޔާރާ"އަށް ފަހު އަނީތު އާއި އެ ފިލްމުގެ އެކްޓަރު އަހާންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައިސް ހަގީގީ 'ސްޓާޑަމް' ފެށޭނީ އެ ފިލްމަށް ފަހު ކަމަށް ގިނަ ބަޔަކު އޭރު ވެސް ބުނަމުން ދިޔަ ކަމަށް އަނީތު ވަނީ ހިއްސާކޮށްފައެވެ.

ފިލްމު "ސައްޔާރާ"އިން ލިބުނު ކާމިޔާބީ އާއި މަގުބޫލުކަމަށް ފަހު އަނީތު ދާދިފަހުން ވަނީ ޔަޝް ރާޖް ފިލްމްސްގެ އިތުރު ލޯބީގެ ފިލްމަކަށް ސޮއިކޮށްފައެވެ.